ދަރިމައިވުމުގެ މައްސަލަތަކުގެ ފަރުވާއަށް އާސަންދަ ހަމަޖައްސަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މަޖިލީހަށް އެގަރާރު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއީލް ނަސީމުއެވެ.
މީކާއިލް ހުށަހެޅުއްވީ ގަރާރުގައި ވިދާޅުވީ، ހަމަހަމަކަމާއެކު ރަނގަޅު ފެންވަރުގެ އަސާސީ ސިއްހީ ހިދުމަތް ލިބިގަތުމުގެ ހައްގު ސިއްހީ ހިދުމަތުގެ ގާނޫނުގެ ދަށުން ހުރިހާ ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭ ކަމަށެވެ.
އެ ގާނޫނުގައި އެހެން ބަޔާންކޮށްފައި އޮތަސް، ރާއްޖޭގެ ސިއްހީ ނިޒާމް ބައްޓަންވެފައިވާ ގޮތާއި އާސަންދަ އޮންނަ ގޮތުން، އެ ނިޒާމްގެ އެހީގައި ދަރިމައިވުމުގެ މައްސަލައަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތުތައް ވަރަށް ބޮޑަށް ހަނިވެފައިވާ ކަމަށް މީކާއީލް ވިދާޅުވިއެވެ.
އަދި ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާ ހޯދާ މީހުންނަށް ބޭނުންވާ ބައެއް ބޭސް ރާއްޖެއިން ހޯދުމުގައި ދަތިތައް ހުންނަ ކަމަށާއި ދަރިމައިނުވުމުގެ މައްސަލައާ ގުޅިގެން ދެވޭ ބައެއް އަސާސީ ބޭސް ވެސް އާސަންދައިގެ ދަށުން ނުލިބޭ ކަމަށެވެ.
ދަރިމައިނުވުމުގެ މައްސަލައަށް ހާއްސަކުރެވިފައިވާ ސްޕެޝަލިސްޓުންގެ ހިދުމަތް ހޯދުން ރާއްޖޭގައި އިންތިހާއަށް ދަތިވެފައިވާ މައިގަނޑު މައްސަލައާ ގުޅޭ އެއްވެސް ރަނގަޅު ފެންވަރުގެ ދިރާސާއެއް ނުވަތަ ތަފާސް ހިސާބެއް ނެތް ކަމަށް މީކާއިލް ވިދާޅުވިއެވެ.
މީކާއިލް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ދަރިމައިވުމުގެ މައްސަލައަށް ބޭސްކުރާ މީހުންނަށް އާސަންދައިގެ ދަށުން ދެވޭނެ ހިދުމަތްތަކަކީ ކޮބައިތޯ ބަލައި ހިދުމަތްތައް ފޯރުކޮށްދެވޭނެ ހަރުދަނާ އުސޫލެއް އަދި މިންގަނޑެއް ކަނޑައަޅައި އެ މުހިއްމު މައްސަލައަށް ރާއްޖޭގެ އިގުތިސޯދީ ފެންވަރުގައި އެކަށީގެންވާ ޖުމްލަ ހައްލެއް ހޯދައިދިނުމަށް ގޮވައިލާ ކަމަށެވެ.
ދަރިމައިވުމުގެ މައްސަލަތަކަށް އާސަންދަ ދިނުމާ ގުޅޭ ގޮތުން ގަރާރެއް ހުށަހަޅާފައި މިވަނީ، އެފަދަ މައްސަލަތަކަށް އާސަންދަ ނުލިބޭކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ފާޅުކޮށްފައި ވަނިކޮށެވެ.