ޚަބަރު

ހޮސްޕިޓަލް ތެރޭގައި މާސްކު އަޅައިގެން އުޅުމަށް އައިޖީއެމްއެޗުން އިލްތިމާސްކޮށްފި

މުހައްމަދު އިޝާން

ޑޮކްޓަރަށް ދައްކަން އަންނަ ބަލި މީހުންނާއި އެހީތެރިންގެ ގޮތުގައި ދާ ފަރާތްތަކުން ހޮސްޕިޓަލް ތެރޭގައި މާސްކު އަޅައިގެން އުޅުމަށް އައިޖީއެމްއެޗުން އިލްތިމާސްކޮށްފިއެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނީ، ކޮވިޑްގެ މިހާރުގެ ހާލަތައް ރިއާޔަތްކޮށް އެ ހޮސްޕިޓަލުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން އެ ހޮސްޕިޓަލުގެ ތެރޭގައި މާސްކު އަޅައިގެން އުޅުމަށް އިލްތިމާސްކުރާ ކަމަށެވެ.

"މި ހޮސްޕިޓަލަށް ވަޑައިގަންނަވާ ބަލި މީހުންނާއި އެހީތެރިން އަދި އެހެނިހެން ފަރާތްތަކުން އެންމެންގެ ރައްކާތެރިކަމަށްޓަކައި މާސްކު އެޅުމަށް އިލްތިމާސްކުރަމެވެ،" އައިޖީއެމްއެޗުން ބުންޏެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އަނެއްކާ ވެސް އިތުރުވަމުންދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިއްޔެ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މިދިޔަ ހަފުތާގައި ރާއްޖެއިން 142 މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ. އެއީ އޭގެ ކުރީގެ ހަފުތާއާ އަޅައި ބަލާއިރު 69 ޕަސަންޓުގެ އިތުރުވުމެއް ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

ކޮވިޑް ސާމްޕަލް ޕޮސިޓިވިޓީ އާއި ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް އިތުރުވަމުންދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

"ފާއިތުވި މެއި މަހު ކޮވިޑް ޖެހިގެން ރާއްޖޭގައި އެޑްމިޓް ކޮށްފައިވަނީ މުޅިއެކު 15 މީހުން. އެހެންނަމަވެސް ޖޫން މަހުގެ 12 ވަނަ ދުވަހާ ހަމައަށް 11 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހިފައިވޭ،" އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ، ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި އަދި ބަލީގެ ނުރައްކާ ބޮޑު ފަރާތްތައް ބަލިން ރައްކާތެރި ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.