ޚަބަރު

ސީފުޑް ކައިގެން އެލާޖިކްވި ހަނާ، ނިޔާވެއްޖެ

އަހުމަދު ޖައިޝަން

ރެސްޓޯރެންޓަކުން ސީފުޑް ކައިގެން އެލާޖިކްވި 24 އަހަރުގެ ފާތިމަތު ހަނާ ނިޔާވެއްޖެ އެވެ.

ހަނާ ނިޔާވިކަން "ވަން އޮންލައިން" އަށް ވަނީ ކަށަވަރުވެފައެވެ.

ހަނާއަކީ މީގެކުރީންވެސް ސީފުޑް އަށް އެލާޖިކްވާ ޒުވާނެކެވެ.

އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދުގެ ދޮށީ ދަރިކަނބަލެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެލާޖިކްވެ އޭނާގެ ހާލު ސީރިއަސްވީ ފަރުވާ ހޯދުމުގައި ހަނާ ލަސްވުމުންނެވެ. އެގޮތުން ފުރަތަމަ އެލާޖިކް އަށް ފަރުވާ ދިނުމަށް އޭނާ ދިޔައީ އައިޖީއެމްއެޗަށެވެ.

އެއަށްފަހު އެލާޖިކް އަށް އޭނާ ބޭހެއް ގަތީ ބޭސްފިހާރައަކުންނެވެ. ހަނާގެ ހާލު ގޯސްވީ އެއަށްފަހުގައެވެ.

ހާލު އިތުރަށް ގޯސްވުމުގެ ސަބަބުން ހަނާއަށް ފަރުވާ ދިނުމަށް ގެންދިޔައީ އައިޖީއެމްއެޗަށެވެ. އަދި މިދިޔަ ހުކުރު ދުވަހުން ފެށިގެން އޭނާއަށް އޭޑީކޭގެ އައިސީޔޫގައި ވަނީ ފަރުވާ ދެމުން ގެންގޮސްފައެވެ.