ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމަކީ ގައުމަށް ވަފާތެރި އިހުލާސްތެރިއެއް ކަމަށް ޕީއެންސީގެ ވަގުތީ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުގެ އިއްޔެ ޖަލްސާގައި މަޖިލީހުގެ ރައީސް ވަނީ މަޖިލީހަށް ވޯޓަށް ހުށަހަޅަން އޮތް ދެ ބިލު އެޖެންޑާއިން ނަގައިފައެވެ.
އެކަމާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން ވަނީ ގާސިމަށް ރައްދުވެފައެވެ. އަދި ގާސިމްގެ އަމަލަކީ ގާނޫނާ ހިލާފު އަމަލެއް ކަމަށް އެތައް ބަޔަކު ވަނީ ބުނެފައެވެ.
އަބްދުއްރަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީއާއި ގާނޫނުތަކުގެ ބޭރުން ގާސިމް ލައްވައި ބިރު ދައްކައިގެން ކައްކަން ކުރެވި ދާނެކަމަށް ހީކުރުމަކީ ވަރަށް ބޮޑު ކުށް ހީއެއް ކަމަށެވެ.
އަދި އެފަދަ ކަމެއް ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިއްޔެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އިއްޔެ ގާސިމް ކަންތައް ކުރެއްވި ގޮތަކީ މަޖިލީހުގެ ރައީސަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި އެއީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ހިންގި ބޮޑު ޖަރީމާއެއް ކަމަށެވެ.