ޚަބަރު

އައްޑޫގެ ދާއިރާތައް އިތުރުކުރުމަށް ހުށަހެޅި މައްސަލަ ބެލުމަށް ނުފެންނަ ކަމަށް ހައިކޯޓުން ނިންމައިފި

އަހުމަދު ޖައިޝަން

ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ސިޓީގެ ދާއިރާތައް އިތުރުކުރުމަށް އާންމު ފަރާތްތަކުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމަށް ނުފެންނަ ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.

ހައި ކޯޓުން ނިންމާފައިވަނީ އެ މައްސަލައަކީ ހައި ކޯޓުގެ ގަވާއިދުގެ 25 ވަނަ މާއްދައިގެ ތަރަހައިގެ ތެރޭގައި ހިމެނޭ ދުސްތޫރީ މައްސަލައެއް ނޫން ކަމަށެވެ. އަދި އެ މައްސަލައިގައި މައުޟޫއީގޮތުން ގޮތެއް ކަނޑައަޅަންޖެހޭ ސަބަބެއް އޮތް ކަމަށް އެ މައްސަލަ ބެލުމުގައި ބައިވެރިވި އެއްވެސް ފަނޑިޔާރަކަށް ނުފެންނަ ކަމަށްވެސް ވަނީ ނިންމައިފައެވެ.

އެ މައްްސަލަ ބައްލަވާފައިވަނީ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު އަލީ ސަމީރެވެ.

އަންނަ އޭޕްރިލް މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަރަދޫފޭދޫ ދާއިރާ އާއި މީދޫ ދާއިރާ އެއްކޮށްލުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ. އެކަމާ ގުޅިގެން އެ ދާއިރާތައް ވަކި ކޮށްލުމަށް އެދި ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނީ ގާނޫނީ ވަކީލު ހުސްނުއްސުއޫދާއި ސ. މަރަދޫފޭދޫ ފައިވްރޯޒް، މުމްތާޒް އަލީގެ ފަރާތުންނެވެ.

އެ މައްސަލަ ނުބެލޭނެ ކަމަށް ކޯޓުން ނިންމާާފައިވާ އިރު އެ މައްސަލައާ ގުޅިގެން އަދުލުވެރި ހައްލެއް ހޯދައިދިނުމަށް އެދި މަރަދޫ ފޭދޫގެ 500 އަށްވުރެ ގިނަ މީހުން ސޮއި ކޮށްފައިވާ ޕެޓިޝަނެއް ވަނީ ކޯޓަށް ހުށަހަޅައިފައެވެ.