ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އަނެއްކާ ވެސް އިތުރުވަމުންދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ބުނީ، މިދިޔަ ހަފުތާގައި ރާއްޖެއިން 142 މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ. އެއީ އޭގެ ކުރީގެ ހަފުތާއާ އަޅައި ބަލާއިރު 69 ޕަސަންޓުގެ އިތުރުވުމެއް ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
ކޮވިޑް ސާމްޕަލް ޕޮސިޓިވިޓީ އާއި ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް އިތުރުވަމުންދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
"ފާއިތުވި މެއި މަހު ކޮވިޑް ޖެހިގެން ރާއްޖޭގައި އެޑްމިޓް ކޮށްފައިވަނީ މުޅިއެކު 15 މީހުން. އެހެންނަމަވެސް ޖޫން މަހުގެ 12 ވަނަ ދުވަހާ ހަމައަށް 11 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހިފައިވޭ،" އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން ބުނީ، ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި އަދި ބަލީގެ ނުރައްކާ ބޮޑު ފަރާތްތައް ބަލިން ރައްކާތެރި ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެޗްޕީއޭގެ ބަޔާނުގައި ބުނީ ބައެއް ގައުމުތަކުގައި އަދިވެސް ކޮވިޑްގެ ހާލަތު ގޯސްވަމުން ދާ ކަމަށެވެ. އެހެންވެ ރާއްޖޭގައި އަލުން ހާލަތު ގޯސްވިޔަ ނުދިނުމުގެ ގޮތުން އެންމެން ވެސް ބަލިން ރައްކާތެރިވުމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.