މާރާމާރީ

ތޫނު އެއްޗަކުން ހަމަލާދީ ކުއްޖަކު މަރާލައިފި

މުހައްމަދު އައުޒަމް

3

މާލޭގައި މިރޭ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ކުއްޖާ މަރުވެއްޖެއެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި ޒަހަމްކޮށްލާފައިވަނީ 14 އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާ މަރުވެފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މިރޭ 3:30 ހާއިރެވެ.

މިރޭ މަރުވި އުމުރުން 14 އަހަރުގެ ކުއްޖަކީ ޖަމާލުއްދީން ސްކޫލް، ގްރޭޑް ހަތެއްގައި ކިޔަވަމުންދާ ޝައްފާން އިސްމާއީލެވެ. ޝައްފާން ދިރިއުޅެނީ ވިލިމާލޭގައެވެ.

އެ ކުއްޖާއަށް ވަޅިން ހަމަލާދީފައިވަނީ މިރޭ 2:00 ހާއިރު އަމީރު އަހްމަދު ސްކޫލު ކައިރީ ހުންނަ އޮޓޯގަރާޖު ކުރިމަތިންނެވެ.

އެ ހާދިސާ ހިނގި ސަރަހައްދުގައާއި އޭޑީކޭ ހޮސްޕިޓަލުގައި ވެސް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް އެ ހާދިސާއާ ގުޅޭގޮތުން އަދި ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.

މި ހަފްތާތެރޭގައި ހަތަރު ޒުވާނަކަށް ވެސް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފައެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީގެ މަރަދޫފޭދޫގައި ދެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ އިރު، މިދިޔަ ހޯމަ ދުވަހުގެ ރޭ މާލޭގެ އޮލިމްޕަސް ކައިރީގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވެއެވެ. އަދި މާލޭގައި ބުދަ ދުވަހުގެ މެންދުރު ގިޔާސުއްދީން ސްކޫލް ކައިރީގައި ވެސް ޒުވާނަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފައެވެ. އޭގެ ތެރެއިން އައްޑޫގައި ޒަހަމްކޮށްލި ދެ ޒުވާނުންގެ ތެރެއިން އެއް ޒުވާނާ އަދި އޮލިމްޕަސް ކައިރީގައި ޒަހަމްކޮށްލި ޒުވާނާގެ ހާލު ސީރިއަސްއެވެ.

އޭގެ އިތުރުން ބުދަ ދުވަހުގެ ރޭ މާރާމާރީއެއް ހިންގަން އުޅުނު ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ ފަސް މީހުން ހައްޔަރުކުރީ ފިހާރައަކުން ވަޅިތަކެއް ގަނެގެން ކަނިވާ ސަރަހައްދުގައި ހުރި ޕެޓްރޯލް ޝެޑުން ޕެޓްރޯލް އަޅަން މަޑުކޮށްގެން ތިއްބައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟