ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށް ގުރުލުން ބާއްވާ ގަޑިތައް އިއުލާން ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ގުރުއަތުލުން ބާއްވާ ގަޑިތައް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.

އެކަން ހާމަކޮށް އިލެކްޝަން ކޮމިޝަނުން ކޮށްފައިބާ އިއުލާނެއްގައި ބުނެފައިވަނީ، ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން އޮންނާނީ މާޗުމަހުގެ ހަތަރެއްވާ ހޯމަ ދުވަހުން ފަސް ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެގޮތުން ހއ.އަތޮޅާއި، ހދ.އަތޮޅާއި، ށ.އަތޮޅާއި، ނ.އަތޮޅުގެ ދާއިރާތަކުގެ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ބާއްވާ ގުރުއަތުނެގުން މާޗް ހަތަރުވަނަ ދުވަހުގެ ރޭ 20:30 އިން 21:30 އަށް އޮންނާނެއެވެ.

ރ.އަތޮޅާއި، ބ.އަތޮޅާއި، ޅ.އަތޮޅާއި، ކ.އަތޮޅާއި، އއ.އަތޮޅާއި، އދ.އަތޮޅުގެ ދާއިރާތަކުގެ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުލުން އޮންނާނީ މާޗް ހަތަރުވަނަ ދުވަހުގެ ރޭ 21:45 އިން 22:45 އަށެވެ.

ވ.އަތޮޅާއި، މ.އަތޮޅާއި، ފ.އަތޮޅާއި، ދ.އަތޮޅާއި، ތ.އަތޮޅާއި ލ.އަތޮޅުގެ ދާއިރާތަކުގެ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ބާއްވާ ގުރުއަތުނެގުން އޮންނާނީ މާޗް ހަތަރުވަނަ ދުވަހުގެ ރޭ 23:30 އިން 00:30 އަށެވެ.

މީގެ އިތުރުން މާޗް 05 ވަނަ ދުވަހުގެ 13:00 އިން 14:00 އަށް ގއ.އަތޮޅާއި، ގދ.އަތޮޅާއި، ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީގެ ދާއިރާތަކުގެ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުނެގުން އޮންނާނެ ކަމަށެވެ.

އަދި މާލޭ ސިޓީގެ ދާއިރާތަކުގެ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް މާޗް ފަސްވަނަ ދުވަހުގެ 14:30 އިން 15:30އަށް ގުރުއަތު ނެގުން އޮންނާނެ ކަމަށް ވެސް އިލެކްޝަންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން، ގުރުއަތުލުމަށް ކަނޑައެޅިފައިވާ ގަޑިއަށް އިންތިހާބާ ބެހޭ މަރުކަޒަށް ވަޑައިގެންދެއްވުން އެދޭކަމަށެވެ. ކެންޑިޑޭޓުންނަށް ހާޒިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ފަރާތުން ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއް ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއަކާއެކު ހުށަހެޅުމަށް އެދޭ ކަމަށް ވެސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.