ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސްކޫލުތަކުގައި ކިޔަވައިދޭ ވަގުތުގައި އަބަދުވެސް ސްކޫލުގެ ގޭޓުތައް ތަޅުލާފައި ބަހައްޓަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.
ސްކޫލުތަކަށް އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ހަފުތާގައި އެފަދަ އެންގުމެއް ފޮނުވާފައި މިވަނީ ޖަމާލުއްދީން ސްކޫލަށް މީހަކު ވަދެ, އަޑުގަދަކޮށް މާރާމާރީ ހިންގަން އުޅުނު މައްސަލައެއް ދިމާވެފައި ވަނިކޮށެވެ. އެ މައްސަލައިގައި މީހަކު ހައްޔަރުކޮށް، އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
މިނިސްޓްރީގެ އެންގުމުގައި ބުނެފައިވަނީ ސްކޫލު މާހައުލަކީ ދަރިވަރުންނާއި މުވައްޒަފުންނަށް ހުރިހާ ގޮތަކުންވެސް ރައްކާތެރި ތަނަކަށް ހެދުމަށް މިނިސްޓްރީން އަބަދުވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އެހެންކަމުން މިނިސްޓްރީގެ އެންގުމުގައި ދަރިވަރުންނާއި މުވައްޒަފުން އަދި ބެލެނިވެރިން ސްކޫލަށް ވަދެ ނުކުތުމުގައި އަމަލުކުރާނެ ގޮތްތަކެއް ވަނީ އަންގައިފައެވެ. އަދި އެ ކަންކަން ވަގުތުން ތަންފީޒުކުރަން ފެށުމަށް ވަނީ އަންގައިފައެވެ.