ޚަބަރު

ރައީސް ޔާމީން ހައްޔަރު ކުރުމާ ގުޅިގެން ޕީއެންސީން އެޗްއާރްސީއެމާ ބައްދަލުކޮށްފި

މަރިޔަމް ޝަހުދާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރުމާ ގުޅިގެން ޕީއެންސީން ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، އެޗްއާރްސީއެމާ ބައްދަލުކޮށްފި އެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން އެޗްއާރްސީއެމުން ކުރި ޓުވީޓެއްގައި ބުނީ ބައްދަލުވުމުގައި، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީން ހައްޔަރުކުރި މައްސަލައިގެ އިތުރަށް ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބާ ގުޅެގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

ރައީސް ޔާމީން ހައްޔަރުކުރުމާ ގުޅިގެން މީގެ ކުރީން ޕީޕީއެމް އަދި ޕީއެންސީގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ވެސް ބައްދަލު ކުރައްވައިފައެވެ. މީގެ އިތުރުން ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ކޮށްދިނުމަށް އެދި ހައިކޯޓުގައި ވަނީ މައްސަލަ އިސްތިއުނާފުވެސް ކޮށްފަ އެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެނައުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރެއްވެސް ވަނީ ހުށަހަޅައިފައެވެ.