ޚަބަރު

ހދ. އަތޮޅުގެ ހައި ސްޕީޑް ފެރީ ޓިކެޓުގެ އަގުތައް ކަނޑައަޅައިފި

މުހައްމަދު ޖަމްޝަތް ވަހީދު

އެމްޓީސީސީން ފޯރުކޮށްދެމުން އަންނަ ރާއްޖެ ޓްރާންސްޕޯޓު ލިންކު (އާރުޓީއެލް) ފެރީގެ ހދ. އަތޮޅުގެ ދަތުރުތަކުގެ އަގުތައް ސަރުކާރުން ކަނޑައަޅައި އާންމުކޮށްފިއެވެ.

ހައި ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅައިލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ދަތުރުތައް އެމްޓީސީސީން ފެށީ މިދިޔަ ފިތުރު އީދު ދުވަހުއެވެ. މި ހިދުމަތަކީ މުޅިން އަލަށް ފެށި ހިދުމަތަކަށް ވުމުން އެކަމަށް އަހުލުވެރިކުރަން މިދިޔަ މެއި މަހުގެ ދިހަވަނަ ދުވަހުގެ ނިޔަލަށް ހދ. އަތޮޅުގެ ދަތުރުތައް އެމްޓީސީސީން ވަނީ ހިލޭ ކޮށްދީފައެވެ.

ޕްލޭނިން މިނިސްޓްރީން މިހާރު ވަނީ ހދ. އަތޮޅުގެ ފެރީ ދަތުރުތަކުގެ އަގު ކަނޑައަޅައި އާންމުކޮށްފައެވެ. ހދ. އަތޮޅުގެ 13 ރަށް ހިމެނޭހެން ފަސް ރޫޓަކުން ދަތުރުތައް ކުރާ އިރު، އަތޮޅުގެ އެއް ރަށުން އަނެއް ރަށަށް ދެކޮޅު ޓިކެޓުގެ އެންމެ ބޮޑު އަގަކަށް ކަނޑައަޅާފައިވަނީ 200 ރުފިޔާއެވެ. އެއީ ދުރު ރަށްތަކަށެވެ. ކައިރި ރަށްތަކުގެ ދަތުރުތަކަށް ދެކޮޅު ޓިކެޓަށް 65 ރުފިޔާ ކަނޑައަޅާފައިވާ އިރު، ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގު އެވްރެޖުކޮށް އުޅެނީ 90 ރުފިޔާ އިން ފެށިގެން 180 ރުފިޔާއާ ދެމެދެވެ.

އާރުޓީއެލް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް މި ދަތުރުތަކަށް ޓިކެޓު ނެގޭނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މި ހިދުމަތުގައި ބޭނުންކުރާ ސްޕީޑް ފެރީތަކަކީ 50 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ފެރީތަކެކެވެ. އަދި ފެރީތައް ފަރުމާކޮށްފައި ހުންނާނީ ދަތުރުވެރިންނަށް ހިތް ފަސޭހަކަމާއެކު ދަތުރުކުރެވޭނެގޮތަށް އެއާކޯން ކޮށްފައެވެ. އަދި މި ސްޕީޑް ފެރީތަކުގެ ސީޓާއި ފަސިންޖަރުންގެ ކެބިން ފަރުމާކޮށްފައިވަނީ މިފަދަ ދަތުރުތައް ކުރުމަށް އެންމެ އެކަށޭނެ ގޮތަށެވެ. މިއިން ކޮންމެ ސީޓެއްގައި މޯބައިލް ޗާޖު ކުރެވޭގޮތަށް ޔޫއެސްބީ އައުޓްލެޓެއް ހަރުކުރެވިފައި ހުރި އިރު، ފެރީގައި ފާހާނާއާއި ލަގެޖު ބެހެއްޓޭ ޖާގަ ހާއްސަކުރެވިފައި ހުރެއެވެ. އަދި އާރުޓީއެލްގެ ހިދުމަތް ހޯދާ ކޮންމެ ފަރާތަކަށް އެއް ލަގެޖުގެ އިތުރުން ކެރީއޮން ލަގެޖެއް ގެންދެވޭނެއެވެ.

އާރުޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން އެކެއްގެ ދަށުން އެ ހިދުމަތް ފޯރުކޮށްދިނުމަށް ހަމަޖައްސާފައިވަނީ ހއ، ހދ އަދި ށ އަތޮޅަށެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އިތުރުން ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ މަސައްކަތް ކުރަމުން އަންނަނީ ވެސް އެމްޓީސީސީންނެވެ. ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން ޒޯން 2 (ނ، ރ، ބ އަދި ޅ) އާއި ޒޯން 3 (ކ، އއ، އދ އަދި ވ) އާއި ޒޯން 4 ( މ، ފ، ދ، ތ އަދި ލ) އާއި ޒޯން 5 (ގއ އަދި ގދ) ޒޯން 6 (ސ އަދި ޏ) ގައި ހިމެނޭ ރަށްތަކަށް ސްޕީޑް ފެރީގެ ހިދުމަތް ފޯރުކޮށްދިނުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.