ސްޕެއިންގެ ބާސެލޯނާގައި ހުންނަ ޔޫރަޕިއަން އޭވިއޭޝަން ސްކޫލް އޮފް ބާސެލޯނާ (އީއޭއެސް ބާސެލޯނާ) ގެ ޓީމަށް އަންނަ ހޮނިހިރު ދުވަހު ރާއްޖެ އައުމަށް ނިންމައިފިއެވެ.
އީއޭއެސްގެ އޮފިޝަލް އިސްމާއީލް އިމްތިޔާޒު މިއަދު "ވަން" އަށް ވިދާޅުވީ، އެ ޓީމު ރާއްޖެ އަންނަނީ އީއޭއޭސްގައި ކިޔެވުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ކަމަށެވެ. އަދި އީއޭސްގެ ޓީމުން އެސްކޫލުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނާއި އެ ދަރިވަރުންގެ އާއިލާތަކާ ބައްދަލުކޮށް ބޭނުންވާ ހުރިހާ މައުލޫމާތެއް ދޭނެ ކަމަށެވެ.
"ކޯހުގެ ސްޓްރަކްޗާ، ކޯހުގެ ފީ، މިހެންގޮސް ހުރިހާ ކަމެއް ސްކޫލުގެ އެންރޯލްމެންޓް ހުންނާ ގޮތުގެ ހުރިހާ ކަމެއްގެ މައުލޫމާތު އެ މީހުންނާ ބައްދަލުކުރުމުން ލިބެން ހުންނާނެ،" އިމްތިޔާޒު ވިދާޅުވިއެވެ.
އިމްތިޔާޒު ވިދާޅުވީ، އަލަށް އެވިއޭޝަން ދާއިރާއިން ކިޔަވަން ބޭނުންވާ ކުދިންނަށް ވެސް ފަސޭހަ ގޮތްތަކެއް އީއޭއެސްގެ ޓީމު މެދުވެރިކޮށް ހެޔޮ އަގެއްގައި ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް ވެސް އީއޭއެސްގެ ޓީމާ ބައްދަލުކޮށް ބާސެލޯނާއިން ކިޔެވުމުގެ ފުރުސަތު ހަމަޖެއްސުމަށް ލިބިގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އީއެއެސްގެ ޓީމުން އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުންނަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. އެގޮތުން އީއޭއެސް ބާސެލޯނާއިން އެ ދަރިވަރުން ކިޔަވަން ފަށަށް ޖެހޭނީ ކުރިން ކިޔަވާފައި ހުރި ހިސާބުން ކަމަށާއި އޭގެ ސަބަބުން އެ ދަރިވަރުންގެ ކިޔެވުން އަވަހަށް ފުރިހަމަކުރުމުގެ ފުރުސަތު އޮންނާނެ އިމްތިޔާޒު ވިދާޅުވިއެވެ.
އީއޭއެސް ޓީމާ ބައްދަލުކޮށް އެސްކޫލާއި ކޯހުގެ މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އަންނަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ހޮޓެލް ޖެންއަށް ދިޔުމަށް އިމްތިޔާޒު އެދިވަޑައިގެންނެވިއެވެ.
އީއޭއެސްއިން މީގެ ކުރިން "ވަން" އަށް ބުނެފައިވަނީ އެ ސްކޫލުން ޕައިލެޓުކަން ކިޔަވާ ދަރިވަރުންނަށް 2،500 ޔޫރޯގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އީއޭއެސް ބާސެލޯނާ ސްކޫލަކީ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ)ގެ އެޕްރޫވަލް ސެޓްފިކެޓް ދިން ހަމައެކަނި ޔޫރަޕުގެ އެވިއޭޝަން ސްކޫލެވެ.
އެއާއެކު އީއޭއެސް ބާސެލޯނާ ވެފައިވަނީ ޕައިލެޓުން ތަމްރީނުކޮށް ރާއްޖޭގެ ޕައިލެޓް ލައިސެންސް (އޭޓީއޯ) ދިނުމުގެ ސީއޭއޭގެ ހުއްދަ ލިބުނު ފުރަތަމަ ސްކޫލެވެ. އަދި އެ ސްކޫލު ވެގެންދާނީ ޔޫރަޕްގެ ޕައިލެޓް ލައިސަންސް (އީއޭއެސްއޭ) އާއި ރާއްޖޭގެ ޕައިލެޓް ލައިސަންސް ދޭ ހަމައެކަނި ފްލައިން ސްކޫލަށެވެ.