މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.
އެމްޕީއެލްއިން މިއަދުކުރި އިއުލާނެއްގައި ބުނީ، ނުވަ ޑިޕާޓްމެންޓަކަށް 45 މީހުން ހޯދަން ބޭނުންވާ ކަމަށެވެ. އެގޮތުން އެސިސްޓެންޓް ސެކިއުރެޓީ އޮފިސަރުންނާއި ސެކިއުރެޓީ އެސިސްޓެންޓުންނާއި ކްރޭން/ފޯކްލިފްޓް އެސިސްޓެންޓް އޮޕަރޭޓަރުގެ މަގާމަށް މީހުން ހޯދަން ވަނީ އިއުލާންކޮށްފައެވެ.
އެމްޕީއެލް އިން އިއުލާންކޮށްފައިވާ ވަޒީފާތަކުގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެވްރެޖްކޮށް މަހަކު 8،000 ރުފިޔާ އާއި 12،000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.
އެމްޕީއެލްގެ ސްޕޯކްސް ޕާސަން ދާނިޝް ނިޒާމް ވިދާޅުވީ، މުވައްޒަފުން ތަމްރީނު ކުރުމުގެ އެކި ފުރުސަތުތައް އެ ކުންފުނިން ފަހި ކޮށްދޭނެ ކަމަށާއި އުއްމީދަކީ ވީހާ ވެސް ގިނަ ބަޔަކު އެ ފުރުސަތުތަކުގެ ބޭނުން ހިފައި، އެމްޕީއެލްއާ ގުޅުން ކަމަށެވެ.
ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.