މި އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް މޯލްޑިވްސް އިންލެންޑް އޮތޯރިޓީ (މީރާ) އަށް 9.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.
މީރާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ޖެނުއަރީ މަހުން ފެށިގެން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ލިބުނު އާމްދަނީގެ އަދަދު 9،310،088،599 ރުފިޔާއަށް އަރައެވެ. މި ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ މެއި މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 1.28 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީގެ އަދަދު 53.47 މިލިއަން ޑޮލަރަށް އަރައެވެ. އެއީ މިދިޔަ އަހަރުގެ މެއި މަހު މީރާއަށް ލިބުނު އާމްދަނީ އަށްވުރެ 68 ޕަސެންޓް އިތުރުވުމެކެވެ.
މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވީ، ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމުންނާއި ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ޓެކްސްތަކުން ލިބިފައިވާ އާމްދަނީ އިތުރުވުމުންނެވެ.
އެގޮތުން މިދިޔަ މަހު މީރާއަށް އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ޓީޖީއެސްޓީންނެވެ. ޓީޖީއެސްޓީއަކީ އަހަރުގެ މިހާތަނަށްވެސް މީރާއަށް ދައުލަތަށް އެންމެ ބޮޑު އާމްދަނީ އެއް ލިބުނު ޓެކުހެވެ. އަދި އެއާޕޯޓް ޓެކުހާއި ފީ ނެގުމުގެ ގާނޫނަށް ގެނައި އިސްލާހުންވެސް އާމްދަނީއަށް ވަނީ ކުރިއެރުން ލިބިފައެވެ.
މީރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން އަހަރުގެ މިހާތަނަށް ޖީއެސްޓީގެ ގޮތުގައި 4.9 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި އިންކަމް ޓެކްސްގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ އަދި ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކުގެ ކުލީގެ ގޮތުގައި 728 މިލިއަން ރުފިޔާ ވަނީ ލިިބިފައެވެ. އަދި ޑިޕާޗާ ޓެކްސް އަށް 324 މިލިއަން ލިިބިފައިވާ އިރު، އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 328 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ގްރީން ޓެކްސްގެ ގޮތުގައި 87.25 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 76.71 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 210.12 މިލިއަން ރުފިޔާ ލިބިފައިވެއެވެ.