ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު

މެޗު އަތުން ދިޔައީ ހެދުނު ދެ ގޯހަކުން: މޮރިއޭރޯ

އޭޝިއަން ކަޕްގެ ކޮލިފިކޭޝަން ތިންވަނަ ބުރުގެ ގުރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ ތައިލެންޑް ކައިރިން ބަލިވީ، ސަމާލުކަން ގެއްލުނު ވަގުތު ހެދުނު ދެ ގޯހެއްގެ ސަބަބުން ކަމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.

އިއްޔެ އުޒްބެކިސްތާނުގެ މަރުކަޒީ ސްޓޭޑިއޮންގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 3-0ގެ ނަތީޖާއަކުންނެވެ.

އޭޝިއަން ކަޕަށް ފުރަތަމަ ފަހަރަށް ކޮލިފައިވުމަށް ރާއްޖެއަށް މިފަހަރު ލިބޭނެ އެންމެ ފަހު ފުރުސަތުގައި ކުޅެވޭ ގުރޫޕް ސްޓޭޖުގައި ހިމެނެނީ ރާއްޖެއާއި ސްރީ ލަންކާ، އުޒްބެކިސްތާން އަދި ތައިލެންޑެވެ. އެ ގުރޫޕުގައި ރާއްޖެއިން އިއްޔެ ނުކުތީ 2019 ވަނަ އަހަރު ޔޫއޭއީގައި އޮތް އޭޝިއަން ކަޕުގެ ގަދަ 16ގައި ކުޅުނު ތައިލެންޑާ ދެކޮޅަށެވެ.

ތައިލެންޑަކީ މި ރީޖަންގައި މިހާރު ފާހަގަކޮށްލެވޭ ގައުމަކަށްވީ އިރު، މެޗަށް ނުކުތްއިރުވެސް ފޭވަރިޓުންނަކީ އެޓީމެވެ. މެޗުގެ ކުރިން އުޒްބެކިސްތާނުގައި ހުރެ ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޗު ފްރެންޗެސްކޯ މޮރިއޭރޯވެސް ބުނީ ތައިލެންޑް ކައިރިން މޮޅުވެވޭނީ އެންމެ ގޯހެއްވެސް ނަހަދާ ކުޅެވިއްޖެ ނަމަ ކަމަށެވެ.

މޮރިއޭރޯގެ ޕްލޭނަށް މެޗުގެ ފުރަތަމަ ކޮޅުގައި ޓީމު މަސައްކަތް ކުރި ނަމަވެސް، ހާފު ނިމެންދަނިކޮށް ރާއްޖެ ކޮޅަށް ފުލުފުލުގައި ދެ ގޯލު ވަނުމާއެކު އެ ޕްލޭން ގެއްލުނު ކަމަށް ކޯޗު ބުންޏެވެ.

"އަހަރެމެން ފެށީވެސް ބޭނުންވި ގޮތަށް، ރޭވުމެއްވެސް އޮތް، އެކަަމަކު ފުރަތަމަ ހާފުގެ ފަހުކޮޅުގައި އެ ހެދުނު ދެ ގޯހުގެ ސަބަބުން މެޗު އަތުން ގޮސްފި، މި ލެވަލްގައި އެ ގޮތަށް ގާތްގާތުގައި ވަންނަ ގޯލުތަކުގެ ސަބަބުން އަލުން މެޗުގެ ތެރެއަށް ވަންނަން އުނދަގޫވާނެ،" އިޓަލީއަށް އުފަން މޮރިއޭރޯ ބުންޏެވެ.

އަލުން މެޗުގެ ތެރެއަށް ވަންނަން ދެ ވަނަ ހާފުގައި ބަދަލުތަކެއް ގެނެސްގެން މަސައްކަތްތަކެއް ކުރެވުނު ކަމަށާއި މެޗުގެ އޮއެވަރު ދިޔަ ގޮތަށް ބަލައި އިރު، ގޯލެއް ޖެހުމުގެ ނަސީބުވެސް އެންމެ ރަނގަޅު ނޫން ކަމަށް މޮރިއޭރޯ ވަނީ އިއްޔެ ބުނެފައެވެ.

"ގޯލެއް ޖެހޭ ގޮތަކަށް ނޫން ނަސީބުގެ އެހީވެސް އޮތީ، ތައިލެންޑަކީ މޮޅު ޓީމެއް، ވަރަށް ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ކުޅޭ ޓީމެއް. އަހަރެން ކުރިންވެސް ބުނިހެން، މެޗަކީ އެޕިސޯޑްތަކެއް ގޮތަށް ހިނގާ ކަމެއް. އެއްވެސް ވަގުތެއްގައި މެޗަށް އޮންނަ ސަމާލުކަން ދަށްވެގެން ދިޔަދީގެން ނުވާނެ، އެ ގޮތަށް ދިޔަ ވަގުތު ކޮޅެއްގެ ސަބަބުން މިއަދު އަތުން މެޗު މިދިޔައީ،" މޮރިއޭރޯ ބުންޏެވެ.

އޭޝިއަން ކަޕްގެ ކޮލިފައިން ފަހު ބުރުގައި ހަ ގުރޫޕުގެ އެއްވަނަ ޓީމާއި ހަ ގުރޫޕުގެ ދެވަނަ ޓީމުތަކުގެ ތެރެއިން ފަސް ޓީމަށް އަންނަ އަހަރު ބާއްވާ އޭޝިއަން ކަޕުގެ ޖާގަ ލިބޭނެއެވެ. ރާއްޖެ ހިމެނޭ ގުރޫޕުން އޭޝިއަން ކަޕަށް ފުރުސަތު ދެމެހެއްޓުމަށް، ދެން އަންނަ ހޮނިހިރު ދުވަހު އުޒްބަކިސްތާނާ ދެކޮޅަށް ކުޅޭ މެޗު މުހިއްމުވާނެއެވެ. އެ މެޗަށްފަހު ރާއްޖެއިން ކުޅޭ ކޮލިފިކޭޝަން ފަހު މެޗުގައި އަންނަ ހަފުތާ އަންގާރަ ދުވަހު ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.