ފަރުދީ ޒިންމާ ނުނަގައި އެކްސިޑެންޓްތައް މަދު ނުކުރެވޭނެ ކަމަށާއި އަދި އެކްސިޑެންޓްތައް ނުވެސް ހުއްޓުވޭނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމް އިފްތިތާހު ކުރުމަށް މިއަދު ހެނދުނު ކުރިއަށްގެންދިޔަ ހަފުލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވަނީ ކޮންމެ މީހަކީވެސް އަމިއްލަ ފަރުދީ ޒިންމާ އަދާކުރަންވީ މީހެއް ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ކަމާ ބެހޭ ހުރިހާ އިދާރާތަކުން އެކްސިޑެންޓްތައް މަދު ކުރުމަށާއި އެކްސިޑެންޓްތައް ހުއްޓުވުމަށް ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އެކަން ރައްޔިތުންގެ ފަރުދީ ޒިންމާއާއި ނުލައި ކާމިޔާބު ނުވާނެކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
އެ ގޮތުން މިނިސްޓަރު ވަނީ އެކްސިޑެންޓްތައް މަދުކުރުމަށް ރައްޔިތުންގެ އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ. އަދި ކުރިއަށް އޮތްތާގައި ދުވެލި މަޑުކުރައްވާނެކަމަށް އުއްމީދު ކުރައްވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހިލޭ 5000 ހެލްމެޓް ދިނުމަށް ސަރުކާރުން ކުރެއްވި ވައުދު ފުރިހަމަ ކުރުމަށް ޓްރާންސްޕޯޓުން މިއަދު ފެށި މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމް ފުރިހަމަ ކުރާ ކޮންމެ ފަރާތަކަށް ވަނީ ހެލްމެޓް ދިނުމަށް ނިންމާފައެވެ.
މި ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދަށް 2500 ހެލްމެޓް ދިނުމަށް ވަނީ ނިންމައިފައެވެ. އަދި ބާކީ 2500 ހެލްމެޓް 30 ކިލޯ މީޓަރަށް ވުރެ ބާރަށް ދުއްވުމުގެ ހުއްދަ ދީފައިވާ ސަރަހައްދުތަކަށް ބެހުމަށް ޓްރާންސްޕޯޓުން ވަނީ ނިންމާފައެވެ.