އޭޝިއަން ކަޕްގެ ކޮލިފިކޭޝަން ތިންވަނަ ބުރުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ ތައިލެންޑް އަތުން ބަލިވެއްޖެއެވެ.
އުޒްބެކިސްތާނުގެ މަރުކަޒީ ސްޓޭޑިއޮންގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.
އޭޝިއަން ކަޕަށް ފުރަތަމަ ފަހަރަށް ކޮލިފައިވުމަށް ރާއްޖެއަށް މިފަހަރު ލިބޭނެ އެންމެ ފަހު ފުރުސަތުގައި ކުޅެވޭ ގުރޫޕް ސްޓޭޖުގައި ހިމެނެނީ ރާއްޖެ އާއި ސްރީ ލަންކާ، އުޒްބެކިސްތާން އަދި ތައިލެންޑެވެ. އެ ގްރޫޕުގައި ރާއްޖެއިން މިއަދު ނުކުތީ 2019 ވަނަ އަހަރު ޔޫއޭއީގައި އޮތް އޭޝިއަން ކަޕްގެ ގަދަ 16 ގައި ކުޅުނު ތައިލެންޑާ ދެކޮޅަށެވެ.
ތައިލެންޑަކީ މި ރީޖަންގައި މިހާރު ފާހަގަކޮށްލެވޭ ގައުމަކަށްވީ އިރު، މެޗަށް ނުކުތް އިރުވެސް ފެވަރިޓުންނަކީ އެޓީމެވެ. މެޗުގެ ކުރިން އުޒްބެކިސްތާނުގައި ހުރެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗު ފްރެންޗެސްކޯ މޮރިއޭރޯވެސް ބުނީ ތައިލެންޑް ކައިރީ މޮޅުވެވޭނީ އެންމެ ގޯހެއްވެސް ނަހަދާ ކުޅެވިއްޖެ ނަމަ ކަމަށެވެ. މެޗުގެ އުނދަގޫކަމަށް ބަލައި، ރާއްޖެއިން ބޮޑަށް ވިސްނާފައި އޮތީ ބައި ކޮޅަށް ގޯލެއް ނުވައްދައި، ކައުންޓާ އެޓޭކްގައި ތައިލެންޑަށް ނުރައްކާ ކުރުމަށް ކަމަށް ބެލެވުނެވެ.
ދުވެލި ބާރު ކުޅުންތެރިން ކަމަށްވާ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނާއިޒް ހަސަން (ދާދު) އަދި އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އެޓޭކް ލައިނުން ފެނުނު އިރު، މެދުތެރެއިން ކުޅުނު އިބްރާހީމް ނިހާން (ނިހާޓް) އާއި މުހައްމަދު އުމައިރު އަދި އިބްރީމް އައިސަމް ވެސް ކުޅެފައި ވަނީ ވަރަށް ބޮޑަށް ޑިފެންސިވް ކުޅުމެކެވެ. ހާއްސަކޮށް މިޑްފީލްޑަރުން މެޗުގައި އެއްކޮށް ކަހަލަ ގޮތަކަށް ފެނުނީ ޑިފެންސަށް އެހީވިތަނެވެ.
ފުރަތަމަ ހާފުގައި ރާއްޖެއިން ޕެކްކޮށް ކުޅުމުގެ ނަތީޖާއެއްގެ ގޮތުން ތައިލެންޑްގެ އެޓޭކްތައްވެސް ފެނުނީ މަދުކޮށެވެ. 20 ވަރަކަށް މިނެޓް ތެރޭގައި ތައިލެންޑަށްވެސް ރާއްޖޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ޓެސްޓް ކޮށްލެވިފައި ނުވާ އިރު، ފުރަތަމަ ހާފު ރާއްޖެއިން ނިންމާލީ ތައިލެންޑް ގޯލަށް އަމާޒުކޮށް ހަމަލާއެއް ނުއުފެއްދިއެވެ.
ތައިލެންޑުން ހާފުގެ ފަހު ކޮޅާ ހަމައަށް އުޅުނީ ރާއްޖޭގެ ޑިފެންސް ފޫއަޅުވާލަން އުނދަގޫ ވެގެންނެވެ. ރާއްޖޭގެ މެދުން ތައިލެންޑުގެ ގިނަ ޕާސްތައް ހުއްޓުވަމުން ގޮސް، ފުރަތަމަ ގޯސް ހެދީ 40 ވަނަ މިނެޓުގައެވެ. އަރިމަތިން ނެގި ހުރަހެއްގައި ތައިލެންޑުން ލީޑު ނެގީ ސަރަޗް ޔޫޔެން ބޮލުން ޖެހި ގޯލުންނެވެ. ހުރަސް ނެގި އިރު އޭރިއާ ތެރެއިން ރަނގަޅަށް މާކް ނުކުރެވި އޮތުމުން ތައިލެންޑުން ލީޑު ނަގައި، މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އެޓީމުން ލީޑު ފުޅާވެސް ކުރިއެވެ. އެ ގޯލު ޖެހީ ޓީރަސިލް ޑަންގްޑާއެވެ. އެ ގޯލު ވަނުމުގައި ކެޕްޓަން އަކުރަމް އަބްދުލްޣަނީ އާއި ގޯލްކީޕަރު ފައިސަލްގެ މިސްޓޭކް ފެނުނެވެ.
ދެވަނަ ހާފު ފެށިގެންވެސް ތައިލެންޑް ފެނުނީ މާ ބޮޑަށްވެސް ނުރައްކާތެރި ކޮށެވެ. ހާފުގެ ކުރީކޮޅުގައި ވީރަތެފް ޕޮފުން އަރިމަތިން އުފެއްދި ހަމަލާ ފައިސަލް ދިފާއުކުރި އިރު، ގޯލު ޖެހި ޑަންގާއަށް ލިބުނު އިތުރު ދެ ފުރުސަތެއް އޭނާ ވަނީ ބޭކާރު ކޮށްލައިފައެވެ.
ރާއްޖެއިން ބޮޑަށް ޑިފެންސިވް ފޯމޭޝަނެއްގައި ފެނުނު އިރު، ދެވަނަ ހާފުގައި ރާއްޖެއިން ވަނީ އެޓޭކްލައިނަށް ބަދަލުތަކެއްވެސް ގެނެސްފައެވެ. ދާދު އާއި ފޭދޫ އިއްބެގެ ބަދަލުގައި އަލީ ފާސިރު (ސެންޓޭ) އާއި ރާއިފް ހަސަން (ހަންނަ) ކުޅުމަށް ނެރެފައިވާ އިރު، ރާއްޖެއިން ހަމަލާއެއް އުފައްދަން މަސައްކަތް ކުރީ ކައުންޓާގައެވެ. ހަންޕުގެ ނުރައްކާ ދެވަނަ ހާފުގައި ކޮންމެވެސް ވަރަކަށް ފެނުނު ނަމަވެސް އެކަށޭނެ ހަމަލާއެއް ދެވަނަ ހާފުގައިވެސް ރާއްޖެއަށް އުފެއްދިފައެއް ނުވެއެވެ.
ތައިލެންޑުން މެޗު ނިމެން ދަނިކޮށް މެޗުގެ 80 ވަނަ މިނެޓުގައި ތިންވަނަ ގޯލެއްވެސް ޖެހިއެވެ. އެ ގޯލު ޖެހީ ކޯނަރެއްގެ އެހީގައި ޕަންސާ ހެމްވިބޫންއެވެ.
މެޗުގެ ފަހު ކޮޅުގައި އަހުމަދު ނޫމާން (ހެލްމެޓް) އާއި ސުފިޔާން އަދި އަބްދުﷲ ޔާމީން (ޔާން) ވެސް މެޗަށް ނުކުމެފައިވެއެވެ. ފަހަތުގައި ރާއްޖެއިން ބޮޑަށް ކުޅުނު އިރު، މެޗު ނިންމާލީ އިތުރު ހަމަލާއެއް ނުއުފެއްދިއެވެ.
އޭޝިއަން ކަޕްގެ ކޮލިފައިން ފަހު ބުރުގައި ހަ ގްރޫޕުގެ އެއްވަނަ ޓީމާއި ހަ ގްރޫޕުގެ ދެވަނަ ޓީމުތަކުގެ ތެރެއިން ފަސް ޓީމަށް އަންނަ އަހަރު ބާއްވާ އޭޝިއަން ކަޕްގެ ޖާގަ ލިބޭނެއެވެ. ރާއްޖެ ހިމެނޭ ގްރޫޕުން އޭޝިއަން ކަޕަށް ފުރުސަތު ދެމެހެއްޓުމަށް، ދެން އަންނަ ހޮނިހިރު ދުވަހު އުޒްބަކިސްތާނާ ދެކޮޅަށް ކުޅޭ މެޗު މުހިއްމުވާނެއެވެ. އެ މެޗަށްފަހު ރާއްޖެއިން ކުޅޭ ކޮލިފިކޭޝަން ފަހު މެޗުގައި އަންނަ ހަފުތާ އަންގާރަ ދުވަހު ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.
ރާއްޖެ ހިމެނޭ ގްރޫޕުގައި މިރޭ ކުޅޭ މެޗުގައި ލަންކާ ނުކުންނާނީ ސެންޓްރަލައިޒްކޮށް ގްރޫޕުގެ މެޗުތައް ހޯސްޓްކުރާ އުޒްބެކިސްތާނާ ދެކޮޅަށެވެ.
ކޮލިފިކޭޝަންގެ ފަހު ބުރުގައި މިހާތަނަށް މިއަދު ކުޅެފައިވާ މެޗުތަކަށް ބަލާ އިރު، ބަންގްލަދޭޝް 2-0 އިން ބަލިވީ ބަހްރެއިން އަތުންނެވެ. އަފްގާނިސްތާން ހޮންކޮން ކައިރިން 2-1 އިން ބަލިވި އިރު، ފަލަސްތީނުން ވަނީ މޮންގޯލިއާ ކައިރީ 1-0 އިން މޮޅުވެފައެވެ.