ޚަބަރު

ތަހުގީގު ހިންގަންޖެހެނީ ޕޮލިހާއި އޭސީސީ ބޭނުންކޮށްގެން ކަމަށްވާނަމަ، ރިޔާސީ ކޮމިޝަންގެ ބޭނުމެއްނެތް: ދިޔާނާ

އިބްރާހިމް ޒަކީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށާއި، ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތްތައް ހޯދުމަށްޓަަކައި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި، ރިޔާސީ ކޮމިޝަންގެ ތަހުގީގު ހިންގަންޖެހެނީ، މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މުއައްސަސާތައް ބޭނުންކޮށްގެން ކަމަށް ވާނަމަ ރިޔާސީ ކޮމިޝަން އުފެއްދުމުގެ ބޭނުމެއް ނެތް ކަމަށް ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ދިޔާނާ ވިދާޅުވީ، ޕޮލިސް ސާވިސް އާއި އޭސީސީފަދަ މުއައްސަސާތައް ބޭނުންކޮށްގެން އެ ތަހުގީގު ހިންގަންޖެހޭނަމަ ދުސްތޫރީ ބޮޑީއެއްގެ ގޮތުގައި ރިޔާސީ ކޮމިޝަން އުފަން ކުރެވެން ގާނޫނުއަސާސީގެ 115 ވަން މާއްދާގައި އޮތުމުގެ ބޭނުމެއްވެސް ނެތް ކަމަށެވެ.

"ރިޔާސީ ކޮމީޝަންގެ ތަހުގީގު ހިންގަން ޖެހެނީ، މޯލްޑިވްސް ޕޮލިސް ސާވިސް އާއި އޭސީސީ ފަދަ މުއައްސަސާތައް ބޭނުންކޮށްގެން ކަމަށް ވާނަމަ ރިޔާސީ ކޮމިޝަން އުފެއްދުމުގެ ބޭނުމެއްނެތް އަދި ދުސްތޫރީ ބޮޑީއެއްގެ ގޮތުގައި ކޮމިޝަން އުފަން ކުރެވެން ގާނޫނުއަސާސީގެ115 ވަނަ މާއްދާގެ (ގ) ގައި އޮތުމުގެ ބޭނުމެއްވެސް ނެތް،" ދިޔާނާ ވިދާޅުވި އެވެ.

ދިޔާނާ ވިދާޅުވީ ގާނޫނީ ބާރު ނުލިބި މީހުން ހާޒިރު ކުރުމާއި، ހެކިބަސް ނެގުމާއި، ލިޔެކިޔުންތައް ހޯދުމަށް އުނދަގޫވާނެ ކަމަށާއި، ގާނޫނަކުން ކޮމިޝަނަށް ބާރު ނުލިބޭނަމަ މީހަކަށް ހާޒިރުވާން އެންގިޔަސް އެ އެންގުމަށް ތަބާވުމާއި ނުވުން އޮންނާނީ އެމީހެއްގެ އިހުތިޔާރުގައި ކަމަށެވެ.

އަދި ވަކި ކަމަކަށް ރިޔާސީ ކޮމިޝަން ގާއިމް ކުރެވެން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވަނީ، ސަބަބުތަކެއް އޮވެގެން، ކަމަށާއި ރިލުވާން ގެއްލުވައިލި މައްސަލައިގައި ފުލުހުންގެ ބައެއްގެ ދައުރު، ނުވަތަ އިހުމާލު އޮތްކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބަލަންޖެހެނީ އެހެންބަޔަކު ކަމަށްވެސް ދިޔާނާ ވިދާޅުވި އެވެ.

"ގާނޫނީބާރު ނުލިބި މީހުން ހާޒިރު ކުރުމާއި، ހެކިބަސް ނެގުމާއި، ލިޔެކިޔުންތައް ހޯދުމަށް އުނދަގޫވާނެ، ގާނޫނަކުން ކޮމިޝަނަށް ބާރު ނުލިބޭނަމަ މީހަކަށް ހާޒިރުވާން އެންގިޔަސް އެ އެންގުމަށް ތަބާވުމާއި ނުވުން އޮންނާނީ އެމީހެއްގެ އިހުތިޔާރުގައި، އެހެންނޫނީ ޖެހޭނީ ފުލުހުން ފަދަ ތަނެއް ބޭނުންކުރަން. ވަކި ކަމަކަށް ރިޔާސީ ކޮމިޝަން ގާއިމް ކުރެވެން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ، ސަބަބުތަކެއް އޮވެގެން، ރިލުވާން ގެއްލުވައިލި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތް އެއޮތީ ފެންނަން، ފުލުހުންގެ ބައެއްގެ ދައުރު ނުވަތަ އިހުމާލު އޮތްކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބަލަންޖެހެނީ އެހެންބައެއް،" ދިޔާނާ ވިދާޅުވި އެވެ.

ދިޔާނާ މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު ރިޔާސީ ދެ ކޮމިޝަނަށް ބާރު ދިނުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބިިލު ފާސް ނުކޮށް، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެބިލް ވަނީ އަނބުރާ ބިލު ދިރާސާކުރި ކޮމިޓީއަށް ފޮވާލައިފަ އެވެ.

އެ ބިލް ފާސް ނުކޮށްދިން މައްސަލައިގައި މަޖިލީހުގެ މަސަައްކަތްތަކަށް ބައެއް ފަރާތަތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.