ޚަބަރު

ކުމުންދޫ ނޭޗާ ޕާކުގައި ހުޅުޖަހައި، އަންދާލައިފި

ރިފާ ހަލީލު

ހދ. ކުމުންދޫގައި ހަދާފައިވާ ނޭޗާ ޕާކުގައި ގަސްދުގައި ބަޔަކު ހުޅުޖަހައި އަންދާލައިފިއެވެ.

ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ ނޭޗާ ޕާކު "ވެހިސަރާ"ގައި ހުޅުޖަހާފައިވާކަމުގެ މައުލުމާތު ކައުންސިލަށް ލިބުނީ ރޭ ފަތިހު 5:00 ޖެހިއިރު ކަމަށެވެ. އޭރުވެސް ރޯވެފައިވާ އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމީން ވިދާޅުވީ، ހުޅުޖެހުމުގެ ސަބަބުން ޕާކުގެ 95 ޕަސެންޓު އަނދައި ހުލިވެފައިވާ ކަމަށެވެ. އަދި މިއީ މިއީ ރަށާއި ރަށުގެ ރައްޔިތުންނަށް ދިން ބޮޑު އަނިޔާއެއް ކަމަށް ވިދާޅުވިއެވެ.

"ބަޔަކު ގަސްދުގައޭ އަޅުގަނޑު މި ބުނަނީ ނެޗުރަލީ ނޫނީ ކަރަންޓު ޝޯޓަކުން ރޯވި ރޯވުމެއް ކަމަށް ގަބޫލު ނުކުރެވޭތީ. އެ ވަގުތަކީ އެތަނުން އެއްކޮށް ކަރަންޓު ކަނޑާލާފައި ހުންނަ ވަގުތެއް. ދެން ހޫނުވުމުގެ ސަބަބުން ރޯވާ ކަހަލަ ވަގުތެއް ނޫން އެއީކީ. އެހެންވެ އަޅުގަނޑު މި ބުނަނީ ބަޔަކު ނުވަތަ މީހަކު ގަސްދުގަ ރޯކޮށްލީއޭ،" އޭނާ ވިދާޅުވިއެވެ.

އެކަން ކުށްވެރިކޮށް އަމީން ވިދާޅުވީ އެކަމަކީ ރަށުން ބޭރުން ބަޔަކު އައިސް ކޮށްފާނެ ކަމެއް ކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް ޝައްކުކުރެވޭ އެއްވެސް މީހަކުވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ކުމުންދޫ ނޭޗާ ޕާކަކީ އެރަށު އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ކުރެވި ޖަމިއްޔާ"އިން ތަރައްގީކޮށް ރަށު ކައުންސިލާ މީގެ ދެ އަހަރު ކުރިން ހަވާލުކޮށްފައިވާ ތަނެކެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ކުމުންދޫ ނޭޗާ ޕާކުގައި އަލިފާން ރޯވެފައިވާ މައްސަލައެއް މިއަދު ހެނދުނު 6:00ގައި ފުލުހުންނަށް ހުސަހަޅާފައިވާ ކަމަށެވެ. އެ މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި ނަމަވެސް މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވިދާޅުވިއެވެ.