ބޮޑު އީދާ ދިމާކޮށް މާފުށީގައި ވޯޓާ ޕާކެއް ހަދަން ނިންމައިފިއެވެ.
މާފުށި ކައުންސިލުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ވޯޓާ ޕާކަކީ އީދަށް ހާއްސަ ކޮށްގެން އީދުގެ ފުރަތަމަ ތިން ދުވަހު މާފުށި ކުޑަކުދިންގެ ޕާކާ ދިމާލު މޫދުގައި ބާއްވަން ނިންމާފައިވާ ހަރަކާތެއް ކަމަށެވެ.
4،500 އަކަފޫޓަށް ވުރެން ބޮޑު އެޕާކަށް ހުރިހާ އުމުރުފުރައިގެ މީހުނަށް ވެސް އެރޭނެ ގޮތަށް ހަނދުނު 8:00 އިން ހަވީރު 16:00 އާއި ހަމައަށް ހުޅުވާފައި ބާއްވަން ނިންމާފައިވާކަމަށް މާފުށި ކައުންސިލުން ބުންޏެވެ. ވޯޓާ ޕާކު ހުޅުވާފައި ހުންނަ ގަޑިތަކުގައި ލައިފް ގާޑުން ތިބޭނެކަމަށް ވެސް ކައުންސިލުން ބުންޏެވެ.
މާފުށްޓަކީ މިވަގުތު ރާއްޖޭގައި ލޯކަލް ޓުއަރިޒަމް އެންމެ ބޮޑު ކެޕޭސިޓީ ގިނަ ރަށް ކަމުން، ފުޅާ ދާއިރާއެއްގައި ވޯޓާ ސްޕޯޓްސް ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
މާފުށީގެ ބެޑް ކެޕޭސިޓީ 1،600 އަށްވުރެ ގިނަ ކަމަށާއި، މިހާރު ވެސް އީދަށް ދިމާކޮށް ކޮޓަރިތަކުގެ ބުކިން ހަދަމުން އަންނަކަމަށް ކައުންސިލުން ބުންޏެވެ.
ބޮޑު އީދާ ދިމާކޮށް ކޮންމެ ވަގުތެއްގައި ވެސް މާފުށްޓަށް ދެވޭގޮތަށް ފެރީގެ ހިދުމަތް އަދި މާފުށިން ބޭނުން ވަގުތަކު ފުރޭ ގޮތަށް ފެރީ ހަމަޖެހިގެންދާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
މިދިޔަ ކުޑައީދު އެންމެ ކުލަގަދަ ގޮތެއްގައި ފާހަގަކުރި އެއް ރަށަކީ ވެސް މާފުށްޓެވެ. ހަވަޔާއެކު މިޔުޒިކް ޝޯއެއް ބޭއްވި އިރު، ސަފާގީ ކުޅިވަރުތައްވެސް އެރަށުގައި ކުރިއަށްގެންދިޔައެވެ. ކުޑައީދަށް އެރަށަށް 3000-4500 މީހުން ގޮސްފައިވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
އެހެންވެ ކައުންސިލުން ނިންމާފަައިވަނީ ކުޑައީދުގައި ލިބުނު ތަރުހީބާއެކު ބޮޑުއީދު އެއަށްވުރެ ކުލަގަދަކޮށް ފާހަގަކުރަން އެރަށް ތައްޔާރަށް އޮތް ކަމަށެވެ.