ދިވެހި ތާރީހަކީ އަޖައިބެއް ކަމަށާއި ތާރީހުގައި ކަނޑައްތު ކުރާ ކޮންމެ ދުވަހަކާ މެދު ރައްޔިތުން ފަހުރުވެރިވާން ޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
އަމީން މިހެން ވިދާޅުވީ ގައުމީ ތާރީހުގެ ދުވަސް ފާހަގަކުރުމުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އަމީން ވިދާޅުވީ ގައުމުގެ ތާރީހާ މެދު ފަހުރުވެރިވުން ބިނާވެގެން ވަނީ ދިވެހި ތާރީހުން އުފަން ކޮށްފައިވާ ހާދިސާތައް އެނގޭ މިންވަރެއްގެ މައްޗަށް ކަމަށެވެ.
"ގައުމުގެ ތާރީހާއި ހާދިސާތައް އެނގި ދަސްވެ އެ ހާދިސާތަކުގެ މައްޗަށް އިބުރަތް ހާސިލުކުރެވޭ މިންވަރަކަށް މެނުވީ ގައުމުގެ ކުރިމަގު އާރާސްތުކުރެވޭ ހިޔާލާއި ފިކުރުތައް އަޅުގަނޑުމެނަކަށް ނުއެއް ގެނެވޭނެ،" އޭނާ ވިދާޅުވިއެވެ.
އަމީން ވިދާޅުވީ މިއަދުގެ ހާދިސާތަކަކީ މާދަމާގެ ތާރީހު ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ތާރީހު ރައްކާތެރިކުރުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި މަސައްކަތްކުރާނެ ގޮތްވެސް ތާރީހުން އެނގެން އޮންނާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.