ކޮންމެ ގައުމެއްގައިވެސް އެގައުމެއްގެ ތާރީހުގައި ކަންތައްތަކެއް ހިނގައި އެކަމުގެ ހަނދާންތަކެއް ގުޅިފައި ހުންނަ ކަމަށާއި އެކަންތައްތައް ދިރުވައި އާލާކުރަން ޖެހޭ ކަމަށް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޔުމްނާ މިރޭ މިހެން ވިދާޅުވީ ގައުމީ ތާރީހު ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޔުމްނާ ވިދާޅުވީ ގައުމުގެ ކުރީގެ ހަނދާންތަކާއި ކުރީގެ ތަޖުރިބާތަކަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ.
"ހަމަ އެފަދައިން ގައުމެއްގައި ދިމާވި ހާދިސާތައް، އެގައުމުގައި އުޅުއްވާފައިވާ މުހިއްމު ޝަހްސިއްޔަތުތައް، އެބޭފުޅުން ކަންތައް ކުރައްވާފައިވާ ގޮތް، އެކަންކަމުން އަޅުގަނޑުމެން އިބުރަތް ހާސިލުކުރަން ޖެހޭ،" ޔުމްނާ ވިދާޅުވިއެވެ.
އެފަދަ ސަަބަބުތަކާ ހުރެ ތާރީހު މުހިއްމުވާއިރު އެކަންތައް ދިރުވައި އާލާކުރުމަށް ތަފާތު މަސައްކަތް ކުރަން ޖެހޭ ކަމަށް ޔުމްނާ ވަނީ ފާހަގަކުރައްވައިފައެވެ.
އެގޮތުން ތާރީހަށް ޝައުގުވެރިވާނޭގޮތަށް އެ ކިޔަވައިދޭން ޖެހޭ ކަމަށް ޔުމްނާ ވިދާޅުވިއެވެ.
"އަޒުމު ކަނޑައަޅަންވީ ތާރީހުގެ ދާއިރާއަށް ޝައުގުވެރިވާ ޒުވާނުން އިތުރުކުރުމަށް، ތާރީހަކީ ކިޔަވާހިތްވާ މާއްދާއަކަށް ހެދުމަށް،" އޭނާ ވިދާޅުވިއެވެ.