ނައިބު ރައީސް ފައިސަލް ނަސީމް ކ. އަތޮޅު ގާފަރަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ކައުންސިލުން އެމަނިކުފާނާ ހިއްސާކުރައްވައިފި އެވެ.
ރައްޔިތުންގެ ކަންބޮޑުވުން ނައިބު ރައީސަށް ހިއްސާކުރައްވާފައިވަނީ ގާފަރު ކައުންސިލުގައި ބޭއްވެވި ބައްދަލުވުމެއްގައެވެ.
އެގޮތުން ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމާއި އެކަށީގެންވާ ނަރުދަމާގެ ނިޒާމެއް ނެތުމާއި ރަށް ގިރުންފަދަ މައްސަލަތައް ގާފަރު ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
އަދި ގާފަރު ސްކޫލްގައި ދިމާވަމުންދާ ޖާގައިގެ ދަތިކަމާއި، ސިއްހީ މަރުކަޒުގެ ހިދުމަތްތައް ފުޅާކުރުމަށް ބޭނުންވެފައިވާކަން އެ މުއައްސަސާތަކުގެ ވެރިން ވަނީ މިއަދު ފާހަގަކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރަށު ސްކޫލާ ގުޅިގެން ދަރިވަރުންނަށް އަމާޒުކޮށް އިޖުތިމާއީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށާއި އަދި ހާއްސަކޮށް ދުޅަހެޔޮ ހަށިހެޔޮ ޖީލެއް ބިނާ ކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ގާފަރު ކައުންސިލްގެ ފަރާތުން ވަނީ އެދިވަޑައިގެންފައެވެ.
އަދި، ރައްޔިތުންގެ ތެރޭގައި ހަމަޖެހުން ދެމެހެއްޓުމުގައި ކައުންސިލްގެ މުހިންމު ދައުރު ފާހަގަކުރައްވައި، އެކިއެކި ކަންކަމާ ބެހޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކައުންސިލުން އިސްނަންގަވައިގެން މަސައްކަތްކޮށްދެއްވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.