އަލީ ޔާމިން
އެމްޓީސީސީ އާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން އެމްޓީސީސީގެ އާއްމު ބަސް ދަތުރުފަތުރުގެ ހިދުމަތުގައި ޝާމިލުވާ ބަސް ޑްރައިވަރުންނާއި ކޮންޑަކްޓަރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ހޭލުންތެރިކުރުމުގެ ސިލްސިލާ ޕްރޮގްރާމެއް ފަށައިފިއެވެ.
އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮގްރާމްގައި ސެޝަންތައް ނަގަވައިދެނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޓްރެފިކް ޕޮލިހުގެ މުދައްބިރުންނެވެ.
މި ސިލްސިލާ ޕްރޮގްރާމްގައި އެމްޓީސީސީގެ 150 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
އެމްޓީސީސީން ބުނީ، ރާއްޖޭގެ އެއްގަމު ދަތުރުފަތުރު އެންމެ ފުޅާކޮށް ފޯރުކޮށްދޭ ކުންފުނީގެ ހައިސިއްޔަތުން، އެކުންފުނީގެ މަގުސަދަކީ އެ ކުންފުނިން ފޯރުކޮށްދޭ އާއްމު ބަސް ދަތުރުފަތުރުގެ ހިދުމަތުގައި މަސައްކަތްކުރާ ޑްރައިވަރުންނާއި ކޮންޑަކްޓަރުންނަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއްދޭ ބައެއްގެ ގޮތުގައި ތަމްރީނު ކުރުން ކަމަށެވެ.