ކުޑަކުދިންނަށް ކުރާ އެކި ކަހަލަ ބާވަތްތަކުގެ އަނިޔާގެ 128 މައްސަލައެއް މިދިޔަ ޖެނުއަރީ މަހުގައި ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފި އެވެ.
ޖެންޑާ މިނިސްޓްރީއަށް މިދިޔަ މަހު ހުށަހެޅި މައްސަލަތަކުގެ ތަފާސް ހިސާބު ވަނީ މިއަދު އާންމުކޮށްފައެވެ.
އެ ތަފާސް ހިސާބުން ދައްކާގޮތުގައި މިނިސްޓްރީއަށް މިދިޔަ މަހު ޖުމުލަ 274 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ. އެއީ މިދިޔަ ޑިސެމްބަރު މަހުގައި ހުށަހަޅާފައިވާ 290 އަށްވުރެ ދަށް އަދަދެކެވެ.
މިދިޔަ މަހުގައި ހުށަހެޅި ކުޑަކުދީންނަށް ކުރާ އަނިޔާގެ 128 މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އިހުމާލުގެ މައްސަލައެވެ. އެގޮތުން މިދިޔަ މަހުގައި ވަނީ އެފަދަ 47 މައްސަލައެއް ހުށަހަޅައިފައެވެ.
އޭގެ އިތުރުން ޖިންސީ ހާނީއްކައިގެ 28 މައްސަލައާއި ޖިސްމާނީ ހާނީއްކައިގެ 21 މައްސަލައާއި ނަފްސާނީ ހާނީއްކައިގެ 11 މައްސަލައިގެ އިތުރުން ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 10 މައްސަލައާއި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ ހަތް މައްސަލައެއްވެސް ވަނީ މިދިޔަ މަހު ރިޕޯޓުކޮށްފައެވެ.