ލ. ގަން ތުނޑީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް އެރަށަށް ގެންގޮސްފިއެވެ.
ގަމުގެ ތުނޑީ އަވަށުގެ ބަނދަަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ މަސައްކަތުގެ ދަށުން ބަނދަރުގެ އެއްގަމު ތޮށީގައި ކޮންކްރީޓް ބްލޮކްޖެހުމުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށެވެ. އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް މިދިޔަ ހުކުރު ދުވަހު އެރަށަށް ގެންގޮސްފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.
އެ މަޝްރޫއުގެ ދަށުން 360 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 310 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުން ހިމެނެއެވެ.
އޭގެ އިތުރުން 2501 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމާއި، ބުރިޖެއް ހެދުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ޕްލޭނިން މިނިސްޓްރީން މިދިޔަ އަހަރުގެ އޮގަސްޓް މަހު އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ އެއް އަހަރުގެ ތެރޭގައި ނިންމާ ގޮތަށް 24.71 މިލިއަން ރުފިޔާއަށެވެ.