އިބްރާހިމް ޒަކީ
މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އައިއީޑީއެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުވާ އުފުޅާފައިވާ މީހުންގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ބާއްވައިފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވީ މި މައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން ދެ ފަރާތުން ހުށަހަޅާ ހުށަހެޅުންތަކާއި ހެކި ހުށަހެޅުމުގެ އަޑުއެހުމެކެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނީ، މި މައްސަލައިގެ ތަހުގީގުގައި ހަނު ތިބުން އިހުތިޔާރު ކުރި މީހަކަށް ނަމަ، ހެކި ހުށަހެޅުމުގެ ފުރުސަތު ގާނޫނުން ނުދޭ ކަމަށެވެ.
ދައުލަތުން މިހެން ބުނީ، މައްސަލައިގައި ދައުވާކުރާ ފަހުމީ އަލީ ތަހުގީގު މަރުހަލާގައި ހަނު ހުރުން އިހުތިޔާރުކުރުމަށްފަހު، ކޯޓުގައި އޭނާ މިއަދު ވާހަކަދެއްކުމާ ގުޅިގެންނެވެ. ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާކޮށްފައިވާ ފަހުމީ އަލީ މިއަދު ކޯޓުގައި ބުނީ، އެ ހާދިސާ ހިނގި ތަނުގައި އޭނާ ނުހުންނާނެ ކަމަށެވެ.
ދައުލަތުން ބުނީ، ތަހުގީގު މަރުހަލާގައި އޭނާ ހަނު ހުރެފައިވުމުގެ ސަބަބުން ކޯޓު މަރުހަލާގައި ހެކި ހުށުހެޅުމުގެ ފުރުސަތު ގާނޫނުން އޭނާއަށް ލިބިގެން ނުވާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭގޮތުން ގާޒީ އެއްވެސް ނިންމެވުމެއް ނުނިންމަވައެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ދައުވާކުރާ ފަރާތްތަކުގެ މައްޗަށް ކުށް ސާބިތުކުރުމަށް ހެކި ހުށަހެޅުމުން، ދައުވާ ރައްދުވާ ފަރާތްތަކުން ވަނީ އޭގައި ހިމެނޭ ސިއްރު ހެކި ބަލައިނުގަތުމަށް އެދިފައެވެ. ސަބަބެއް ކަމަށް ބުނީ، ހެތްކާބެހޭ އެކަށީގެންވާ ގާނޫނެއް ރާއްޖޭގައި ނެތުމެވެ.
މިއަދުގެ އަޑުއެހުން ނިންމަވައިލައްވަމުން ގާޒީ ވިދާޅުވީ، ދެފަރާތުން ހުށަހެޅި ހެކިތަކާއި ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުމަށް އަންނަ ބުރާސްފަތި ދުވަހު އަޑުއެހުމެއް ބާއްވަވާނެ ކަމަށެެވެ.
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ވަނީ ނުވަ މީހަކަށް ދައުވާކޮށްފައެވެ. އޭގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައިވަނީ ބޮން ގޮއްވުމުގައި އަމަލީގޮތުން ބައިވެރިވި އަދުހަމް އަހުމަދަށެވެ. ކުށަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވެ، މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.