ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.
ކުރިމިނަލް ކޯޓުގައި އެ އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ.
އެ މައްސަލައިގައި މިދިޔަ ހޯމަ ދުވަހު ބާއްވަން ތާވަލުކުރި އަޑުއެހުން، ދައުވާ ލިބޭ މީހުން، ކަނޑުގަދަވުމުގެ ސަބަބުން ކޯޓަށް ހާޒިރު ނުކުރެވުމާ ގުޅިގެން ވަނީ ކެންސަލްކޮށްފައެވެ. ކުރިމިނަލް ކޯޓުން އެއިރުވެސް ވަނީ މާދަމާއަށް އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
ހޯމަ ދުވަހު ބާއްވަން ތާވަލުކުރި އަޑުއެހުން ކެންސަލްވުމާ ގުޅިގެން ކަންބޮޑުވުންފާޅުކޮށް ރައީސް ނަޝީދުގެ ވަކީލުން ތަމްސީލުކުރާ ލޯ ފާމް، ލިޓިގަންޓްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޫސުން ގޯސް ކަމަށް ބުނެ ތުހުމަތުވާ މީހުން ކޯޓަށް ހާޒިރުނުކުރީ، ހޯމް މިނިސްޓްރީ އާއި ކަރެކްޝަނަލް ސާވިސްގެ ފަރުވާކުޑަ ކަމުން ކަމަށެވެ. އަދި އެކަން ކުށްވެރިކުރާ ކަމަށް ބުނެފައިވެއެވެ.
ނަމަވެސް އެކަން ކަރެކްޝަންސްއިން ވަނީ ދޮގުކޮށް ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައްސަލައަކީ ހައްސާސް މައްސަލައެއްގެ ގޮތުގައި އެ ސާވިސްއިން ދެކޭ ކަމަށް ބުނެފައެވެ.
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ވަނީ ނުވަ މީހަކަށް ދައުވާކޮށްފައެވެ. އޭގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައިވަނީ ބޮން ގޮއްވުމުގައި އަމަލީގޮތުން ބައިވެރިވި އަދުހަމް އަހުމަދަށެވެ. ކުށަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވެ، މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.