އިބްރާހިމް ޒަކީ
މާފަންނު ގެއެއްގެ ތަޅުންގަނޑު ދަށުގައި ފޮރުވާފައި ހުއްޓައި އަތުލައިގަތް 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އަހުމަދު ހުސައިންއާއި އަބުދުﷲ ނަޝީދު ދޫކޮށްލައިފި އެވެ.
"ވަން އޮންލައިން" އަށް ފުލުހުން މިއަދު ވިދާޅުވީ އެ ދެމީހުން ދޫކޮށްލާފައިވާ ކަމަށެވެ.
އެ ދެމީހުން ދޫކޮށްލީ އެ މައްސަލައިގައި އެމީހުންގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިިންމުމާ ގުޅިގެންނެވެ.
އެ މައްސަލައާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ، 24 މާޗު 2022 ދުވަހު މ. ލަވްނެސްޓް ގޭގައި 42 ކިލޯގެ މަސްތުވާތަކެތި (ޑައިމޯފިން) ރައްކާކޮށްފައި ހުއްޓައި ފެނިގެން ފުލުހުން ތަހުގީގުކޮށް އެ އޮފީހަށް ހުށަހެޅި މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެ ގޮތަށް ނިންމީ ތިން ކަމެއްގެ މައްޗަށް ބިނާކޮށް ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ. އެނިންމުންތަކުގައި ފުލުހުންގެ މައްޗަށް ޕީޖީ އޮފީހުން ވަނީ ތުހުމަތުތަކެއް ކޮށްފައެވެ.
ފުރަތަމަ ކަމެއްގެ ގޮތުގައި އެ އޮފީހުން ބުނެފައި ވަނީ، އެތަކެތި ފޮރުވާފައި ހުރި، މ. ލަވްނެސްޓްގެ ބަލައި ފާސްކުރުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމުގައި އެކަށީގެންވާ ވަގުތާއި ފުރުސަތު ލިބި، ފުލުހުން އެ ގެ ބަލައި ފާސްކޮށްފައި ވަނީ ކޯޓު އަމުރަކާ ނުލައި ކަމަށްވުމާއި ގޭގެ ވެރިފަރާތަކީ ކާކުކަން އެނގެން އޮތް އިރު، އެ ގެ ބަލައިފާސްކުރުމުގެ ހުއްދަ އެހެން މީހަކު އަތުން ހޯދާފައިވުމާއި މަސްތުވާތަކެތި ފެނުނު ސީން ކަމުގައިވާ އެ ގެއަށް ފުލުހުން ވަދެ ބަލައިފާސްކޮށްފައި ވަނީ ގާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) އާއި މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 149 ވަނަ މާއްދާއާ ހިލާފަށް ކަމުގައިވުމެވެ.
ދެވަނަ ކަމަކަށް ފާހަގަ ކޮށްފައި ވަނީ، މި މައްސަލައިގެ ސީންގައި ކަންވީގޮތާމެދު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަވެފައިވުން ކަމަށް ޕީޖީން ބުންޏެވެ.
ތިންވަނަ ކަމެއްގެ ގޮތުގައި ޕީޖީން ފާހަގަ ކޮށްފައި ވަނީ، އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރި އިރު، އެ ތަންތަނުގައި ހުރި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް ފެންނަ ބައެއް ތަކެތި ތަހުގީގަށް ނަގައި، ތަހުލީލު ކޮށްފައިވާކަން، ހުށަހެޅި ލިޔުންތަކުން އެނގެން ނެތުމާއި މައްސަލައިގައި ހޯދިދާނެ ކަމަށް ފެންނަ މުހިންމު ހެކިތަކެއް ހޯދިފައި ނުވުމުގެ އިތުރުން މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާއި ފެނުނު މަސްތުވާތަކެއްޗާ ގުޅުވައިދެވޭ މިންވަރަށް ހެކި ގަރީނާ ހޯދިފައި ނުވުން ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.