ޚަބަރު

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރަކަށް ރިޔާޒު ރަޝީދު އައްޔަން ކޮށްފި

އިބްރާހިމް ޒަކީ

ވޯޓަށް ނާހައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާއިން ނެގި، ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށާއި، ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތްތައް ހޯދުމަށްޓަަކައި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި، ކޮމިޝަނަށް ބާރުތައްދޭ ބިލް ދިރާސާކުރުމަށް ފޮނުވައިލި، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުުގެ ކޮމިޓީގެ މުގައްރިރަކަށް ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު އައްޔަން ކޮށްފި އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުުގެ ލީޑަރު، ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިޙާނު ހުސެއިން މަނިކު ވިދާޅުވީ، އެ ކޮމިޓީގެ މުގައްރިރުކަމަށް ރިޔާޒު ރަޝީދު އައްޔަން ކުރީ، ކޮމިޓީގެ މުގައްރިރުކަމުގެ މަގާމުގައި މިހާތަނަށް ހުންނެވި، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމާއެކު ރޮޒެއިނާ ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީ އިން ރޮޒެއިނާ އެ ކޮމިޓީން ވަކިކޮށްފައިވާތީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށާއި، ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތްތައް ހޯދާ ކޮމިޝަނަަށް ބާރުދޭ ބިލު އެޖެންޑާއިން ނަގައި އަލުން ކޮމިޓީއަށް ފޮނުވުމަށް، ޖަލްސާގެ ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ނިންމެވީ، ބިލު މަޖިލީހުގެ ތަޅުމަށް ފޮނުވާފައި އޮތީ ކޮމިޓީން ފާސްކުރި ގޮތަށް ނޫން ކަމަށް އެ ކޮމިޓީގެ މެމްބަރުންތަކެއް ވިދާޅުވުމާ ގުޅިގެންނެވެ.

އެ މެންބަރުންގެ ތެރޭގައި ރިޔާޒު ރަޝީދު ހިމެނިވަޑައިގަންނަވައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒު ވަނީ އެކަން ފާހަގަ ވެސް ކުރައްވައިފަ އެވެ.

އެކޮމިޝަންތަކަށް ބާރުދޭ ބިލަކީ ގާނޫނުއަސާސީއާ ފުށުއަރާ ކަންތައްތަކެއްހުރި ބަލެއްކަން ފާހަގަ ކުރައްވައި މިހާރު ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ރިޔާޒު މިއަދު ވިދާޅުވީ، އެ ބިލުގެ މަސައްކަތްތައް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައިވެސް ކުރިއަށް ދިޔައީ ގޯސްކޮށް ކަމަށެވެ.

އަދި އެ ބިލުގެ ކޮމިޓީ ރިޕޯޓު މަޖިލީިހުގެ ތަޅުމަށް ގެނައީވެސް އުސޫލުތަކާ ހިލާފަށް ކަމަށާއި އެކަންތައް މަޖިލީހުގެ ރައީސާ ހިއްސާ ކުރައްވާފައިވާ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.