އައްޑޫ ސިޓީގައި ދެ ގުރޫޕެއް ދެމެދު ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނެއްގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު "ވަން" ވިދާޅުވީ އައްޑޫ ސިޓީ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 3:10ގައި ލިބިފައިވާ ކަމަށެވެ.
އެ މާރާމާރީގައި ޒަހަމްކޮށްލާފައި ވަނީ 21 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
އިކުއެޓޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ޝާފީ މުހައްމަދު މިއަދު "ވަން" ވިދާޅުވީ އެ ޒުވާނާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށެވެ. އަދި އޭނާގެ އަތުގެ މުލައްދަނޑިއާއި ބުރަކަށްޓަށް ފުން ޒަހަމްތަކެއް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
ފުލުހުންގެ އޮފިސަރު ވިދާޅުވީ، މި މާރާމާރީއަކީ ދެ ގުރޫޕުގެ ދެމެދުގައި ހިންގި ހަމަނުޖެހުމަކާއި މަސްތުވާތަކެއްޗާއި ގުޅުންހުރި މާރާމާރީއެއްކަން މިހާތަނަށް އެނގިފައިވާ ކަމަށެވެ. އަދި މިހާތަނަށް މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައިނުވި ނަމަވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.