ކ. ހިންމަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ 59 ޕަސަންޓް ނިމިއްޖެއެވެ.
އެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ، ހިންމަފުށި ބަނދަރުގެ ބޭރުތޮށިލުމުގެ މަސައްކަތް ފުރިހަމަކުރެވި ބަނދަރުގެ ޕޭވްމެންޓް ހެދުމުގެ 69 ޕަސަންޓް މަސައްކަތްވެސް ނިމިފައިވާ ކަމަށެވެ.
ހިންމަފުށި ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން އާ ހާބަރު ބޭސިންގެ 14،300 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި 38 މީޓަރުގެ ސަރަހައްދެއްގައި ތޮށިލުން ހިމެނެއެވެ. އަދި 248 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖެހުމާއި 172 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
ހިންމަފުށި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެ މަޝްރޫއުގެ އެމްޓީސީސީއާ ހަވާލުކުރީ 25.88 މިލިއަން ރުފިޔާއަށެވެ.