ޚަބަރު

ހަތަރު ސްކޫލެއް ޑިޖިޓަލައިޒް ކުރަން ބޭނުންވާ ވަސީލަތްތައް އެލައިޑުން ދީފި

މުހައްމަދު އިޝާން

އެލައިޑް އިންޝުއަރެންސް ކުންފުނީގެ އިޖުތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް" ގެ ތެރެއިން ހަތަރު ސްކޫލެއްގެ ސްމާޓް އެޑިއުކޭޝަނަށް ބޭނުންވާ ވަސީލަތްތައް ހަދިޔާކޮށްފިއެވެ.

އެލައިޑް އިންޝުއަރެންސް ކުންފުނީގެ މައި އޮފީހުގައި މިއަދު ބޭއްވި ރަސްމިޔާތެއްގައި އެތަކެތި ހަވާލުކޮށްދެއްވާފައި ވަނީ އެލައިޑް އިންޝުއަރެންސްގެ ޖެނެރަލް މެނޭޖާ އިބްރާހީމް ފިރުޝާން އާއި ނިޔާޒު މުހައްމަދެވެ. ސްކޫލްތަކުގެ ފަރާތުން ޓީވީ އާއި ކޮމްޕިއުޓާ ސިސްޓަމްތަކާ ހަވާލުވީ އެ ސްކޫލުތަކުގެ އިސްވެރިންނެވެ.

އެތަކެތި ހަދިޔާކޮށްފައިވަނީ، ފ. އަތޮޅު ސްކޫލް، ހުރަވީ ސްކޫލް، އިއްޒުދީން ސްކޫލް އަދި ޖަމާލުއްދީން ސްކޫލަށެވެ.

އެ ރަސްމިއްޔާތުގައި އެލައިޑުގެ އިންޝުއަރެންސްގެ ޖެނެރަލް މެނޭޖަރު އިބްރާހީމް ފިރުޝާން ވިދާޅުވީ، ރާއްޖޭގެ ހުރިހާ ހިސާބެއްގެ ސްކޫލްތަކާ އެކު އަބަދުވެސް ބަދަހި ގުޅުމެއް ބޭއްވުމަށް އެ ކުންފުނިން މަސައްކަތް ކުރާ ކަމަށެވެ.

ދަރިވަރުންގެ ތައުލީމީ ހަޔާތް ކާމިޔާބުކަމާއެކު ނިންމައިލުމަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދީ ވަސީލަތްތައް ހަރުދަނާކުރުމަށް އެލައިޑުގެ އެހީތެރިކަން އަބަދުވެސް ލިބޭނެ ކަމަށް އިބްރާހީމް ފިރުޝާން ވިދާޅުވިއެވެ.

އެގޮތުން ކުރިއަށް އޮތްތަނުގައި "ޕްރިމިއަމް ފޯ ގުޑް" ގެ ދަށުން އިތުރު ސްކޫލްތަކާ އެކު މަސައްކަތްކުރުމަށް އެލައިޑުން ދެމި ހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ޕްރިމިއަމް ފޯ ގުޑް" އަކީ 2018 ވަނަ އަހަރު ލޯންޗުކުރި އެލައިޑުގެ އިޖުތިމާއީ ޒިންމާއަށް ހާއްސަ އިސްނެގުންތައް ދެމެހެއްޓެނެވި ގޮތެއްގައި ކުރުމަށް އެކުލަވާލާފައިވާ އޮނިގަނޑެކެވެ. އެގޮތުން ޔުނައިޓެޑް ނޭޝަންގެ ދެމެހެއްޓެނެވި ތަރައްގީއަށް މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރެއިން "ކޮލިޓީ އެޑިޔުކޭޝަން" އަކީ "ޕްރިމިއަމް ފޯ ގުޑް" އެންމެ މުހިންމު އެއް އަސާސް ކަމަށް އެލައިޑުން ބުނެއެވެ.