މާފަންނުގައި އިމާރާތް ކުރަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓިގެ އަނިޔާވެ ފަރުވާ ދެމުން ދަނިކޮށް މަރުވި ރައުޝާން ޖިއާންގެ މަރުގެ މައްސަލައިގައި ހަ މީހެއްގެ މައްޗަށް ޕީޖީން ދައުވާ އުފުލައިފި އެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރައުޝަން މަރުވި މައްސަލައިގައި ހަ މީހެއްގެ މައްޗަށް ދައުވާ އުފުލައި މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ހަތަރު ދައުވާއެއް އުފުލާފައިވާ ކަމަށް ޕީޖީން ވަނީ ބުނެފައެވެ. އެ ދައުވާތަކަކީ :
1. އިންޑިއާގެ ރައްޔިތެއް ކަމަށްވާ ރައްޖާވް އަލީގެ މައްޗަށް، މީހަކު މަރުވެ ދިޔުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ
މިދައުވާ ރައްޖާވް އަލީގެ މައްޗަށް ކޮށްފައިވަނީ 16 ޑިސެންބަރު 2018 ދުވަހުގެ 10:34 އެހައިކަށްހާއިރު މީނާ އޮޕަރޭޓް ކުރަމުންދިޔަ ވިންޗުން ސިމެންތި ބަސްތާތަކެއް ސަވާޖީގެ އެހީގައި ކ. މާލެ މ.ނަލަހިޔާމަންޒިލްގެ ނުވަވަނަ ފަންގިފިލާއަށް އަރުވަމުންދަނިކޮށް، ވިންޗު ލައިނަށް މާބޮޑަށް ދޫދެވި، ސަވާޖީން ސިމެންތި ބަސްތާއެއް ވެއްޓި، އެވަގުތު ފަރީދީ މަގުން ހުޅަނގު ދެކުނުން ހިނގާފައި އައި ބަންގްލަދޭޝްގެ ކުއްޖެއް ކަމަށްވާ ރައުޝަން ޖިއާން (08 އަހަރު)ގެ ކަނދުރާ މަތީގައި ޖެހިލިބުނު އަނިޔާތަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް 17 ޑިސެންބަރު 2018 ދުވަހުގެ 12:40 އެހައިކަށްހައިއިރު ރައުޝަން ޖިއާން ނިޔާވެފައިވާތީ.
2. އިންޑިއާގެ ރައްޔިތެއް ކަމަށްވާ މުތުމަނި ރަމަޗަންދުރަންގެ މައްޗަށް މީހަކު މަރުވެ ދިޔުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ
މިދައުވާ މުތުމަނި ރަޗަންދުރަންގެ މައްޗަށް ކޮށްފައިވަނީ 16 ޑިސެންބަރު 2018 ދުވަހުގެ 10:34 އެހައިކަށްހާއިރު އިންޑިޔާގެ ރައްޔިތެއްކަމަށްވާ ރައްޖާވް އަލީ އަމިއްލައަށް އިސްނަގައިގެން ވިންޗު
އޮޕަރޭޓް ކުރިއިރު، ރައްޖާވް އަލީއަކީ ވިންޗު އޮޕަރޭޓް ކުރުން ހަވާލުކޮށްފައިވާ ފަރާތް ނޫންކަން އެނގިހުރެ، އިމާރާތުގެ ބޭރުން ފަރީދީމަގަށް ޖަމާކޮށްފައި ހުރި ބަސްތާތަކުގެ ތެރެއިން 2 ބަސްތާ ފަރީދީމަގުގައި ތިބި ކުންފުނީގެ މުވައްޒަފުން ސަވާޖީއަށް ބަރުކުރުމުން، މީނާ ރައްޖާވް އަލީ ގާތު ސަވާޖީ މައްޗަށް ނެގުމަށް ބުނުމުން، ރައްޖާވް އަލީ ވިންޗު އޮޕަރޭޓްކުރަން ފަށްޓައި ތިރިން ބަސްތާތައް މައްޗަށް އަރުވަމުން ދަނިކޮށް، އެދުވަހު 10:34 އެހައިކަށްހާއިރު، ރައްޖާވް އަލީއަށް ވިންޗު ލައިނަށް މާބޮޑަށްދޫދެވި، ސަވާޖީން ސިމެންތި ބަސްތާއެއް ވެއްޓި، އެވަގުތު ފަރީދީމަގުން ހުޅަނގު ދެކުނުން ހިނގާފައި
ދިޔަ ބަންގްލަދޭޝްގެ ކުއްޖެއް ކަމަށްވާ ރައުޝަން ޖިއާން (08 އަހަރު) ގެ ކަނދުރާ މަތީގައި ޖެހި ލިބުނު އަނިޔާތަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް 17 ޑިސެންބަރު
2018 ދުވަހުގެ 12:40 އެހައިކަށްހައިއިރު ރައުޝަން ޖިއާން ނިޔާވެފައިވާތީ.
3. އިންޑީއާގެ ރައްޔިތެއް ކަމަށްވާ ކެޝަރިލަލް ޗައުހަން އާއި ގުލަމް މަހަމުދުގެ މައްޗަށް ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެ އިންޒާރު، އެކަށީގެންވާ ސަބަބެއް ނެތި ނުރައްކަލެއްގައިވާ މީހާއަށް ނުދިނުމުގެ ކުށުގެ ދައުވާ
މިދެފަރާތުގެ މައްޗަށް މިދައުވާ ކޮށްފައިވާ ސަބަބަކީ 16 ޑިސެންބަރު 2018 ދުވަހުގެ 10:34 އެހައިކަށްހާއިރު، މިދެފަރާތް ކ.މާލެ މ. ނަލަހިޔާ މަންޒިލް އިމާރާތުގެ ބޭރުން ފަރީދީ މަގުގައި ތިބެ ސިމެންތި ބަސްތާތައް ސަވާޖީއަށް ބަރުކުރުމުގެ މަސައްކަތް ކުރި އިރު، ފަރީދީ މަގުން ހުޅަނގު ދެކުނުން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ފަރުޒާނާ ހޮސައިންއާއެކު ހިނގާފައި އައި ފަރުޒާނާ ހޮސައިންގެ އަންހެން ދަރިފުޅު، ބަންގްލަދޭޝްގެ ކުއްޖެއް ކަމަށްވާ ރައުޝަން ޖިއާން (08 އަހަރު)އަށް އެތަނުގައި މަސައްކަތްކުރާކަމާއި، އެމަސައްކަތުގެ ސަބަބުން ނުރައްކަލެއް ކުރިމަތިވެދާނެކަން އަންގާފައިނުވާތީ.
4. ކ. މާލެ، ދަފްތަރު ރސ. ނަމްބަރު : 8424، މޫސާ ހަސަން އާއި ކ. މާލޭ، ދަފްތަރު ރސ. ނަމްބަރު : 7198، އާދަމް ޝަފީގުގެ މައްޗަށް، މީހަކު މަރުވެ ދިޔަ ކަމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ
މިދައުވާ މިދެފަރާތުގެ މައްޗަށް ކޮށްފައިވާ ސަބަބަކީ މޫސާ ހަސަން، ޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ސީނިއަރ ސައިޓް ސްޕަވައިޒަރެއްގެ މަގާމުގައި ހުރެ، އަދި އާދަމް ޝަފީގު، ޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ މަގާމުގައި ހުރެ މިދެފަރާތުގެ ބެލުމުގެ ދަށުން އިމާރާތުގެ ބޭރުން ފަރީދީމަގަށް ޖަމާކޮށްފައި ހުރި ހިލަ ބަސްތާތަކާއި، ސިމެންތި ބަސްތާތައް ސަވާޖީއެއް ބޭނުންކޮށްގެން ވިންޗުގެ އެހީގައި ނުވަ ވަނަ ފަންގިފިލާއަށް އެރުވުމުގެ މަސައްކަތް ކުރިއިރު، ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް އިހުމާލުވެފައިވުމުގެ ސަބަބުން، ނުވަވަނަ ފަންގިފިލާއަށް ސިމެންތި އުފުލަން ބޭނުންކުރި ސަވާޖީން ސިމެންތި ބަސްތާއެއް ވެއްޓި، އެވަގުތު ފަރީދީމަގުން ހުޅަނގު ދެކުނުން ހިނގާފައި ދިޔަ ބަންގްލަދޭޝްގެ ކުއްޖެއް ކަމަށްވާ ރައުޝަން ޖިއާން (08 އަހަރު) ގެ ކަނދުރާ މަތީގައި ޖެހި ލިބުނު އަނިޔާތަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް 17 ޑިސެންބަރު 2018 ދުވަހުގެ 12 : 40 އެހައިކަށްހައިއިރު، ރައުޝަން ޖިއާން ނިޔާވެފައިވާތީ އެވެ.