ޚަބަރު

އަންހެނުންނަށް ބާއްވާ ދުނިޔޭގެ ސުލްހައާއި ސަލާމަތްތެރިކަމާ ގުޅޭ ހާއްސަ ފޯރަމް ފުރަތަމަ ފަހަރަށް ރާއްޖޭގައި

އަންހެނުންނަށް ބާއްވާ ދުނިޔޭގެ ސުލްހަ އާއި ސަލާމަތްތެރިކަމާ ބެހޭ ހާއްސަ ފޯރަމް ފުރަތަމަ ފަހަރަށް ރާއްޖޭގައި ފަށައިގެން ކުރިއަށް އެބަދެއެވެ.

މިއީ އެ ފޯރަމް ބާއްވާ ނުވަ ވަނަ ފަހަރެވެ. އަދި މިއީ ކޮވިޑް-19 އަށްފަހު އެއްތަނަކަށް ޖަމާވެގެން މި ފޯރަމް ބާއްވާ ފުރަތަމަ އަހަރެވެ.

އިންޓަނޭޝަނަލް ސިވިލް ސޮސައިޓީ އެކްޝަން ނެޓްވޯކް (އައިސީއޭއެން) އާއި އައްޑޫ ވިމެންސް އެސޯސިއޭޝަން (އޭޑަބްލިޔުއޭ) އަދި ވިމެންސް އެލަޔަންސް ފޮ ސެކިއުރިޓީ ލީޑާޝިޕް (ޑަބްލިޔުއޭއެސްއެލް)ގެ މެމްބަރުން ގުޅިގެން ރާއްޖޭގައި ބާއްވާ އެ ފޯރަމް ކުރިއަށްދާނީ މިއަދުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް ބަނޑޮސް މޯލްޑިވްސްގައެވެ.

އެ ފޯރަމް ފައްޓަވައިދެއްވީ އެ ރިސޯޓުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.

އައިސީއޭއެން އިން ބުނީ, 40 ގައުމެއްގެ ސުލްހަބަލަހައްޓާ އަންހެނުން ބައިވެރިވާ މި ފޯރަމުގައި ދުނިޔޭގެ ސުލްހަ އާއި ސަލާމަތްތެރިކަމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުގެ އޮފިޝަލުންނާއި ސިވިލް ސޮސައިޓީ ލީޑަރުންނާއި ބައިނަލްއަގުވާމީ ޑިޕްލޮމެޓުންނާ މަޝްވަރާކުރާނެ ކަމަށެވެ.

ހާއްސަގޮތެއްގައި ކޮވިޑަށްފަހު މުޖުތަމައުތަކާއި އަމިއްލަ ނަފުސުތަކާއި ޖަމިއްޔާތަކާއި ނެޓްވޯކުތައް އަދި ސުލްހަ އާއި ސަލާމަތްތެރިކަމަށް ކުރާ މަސައްކަތްތައް އެނބުރި ކުރިން އުޅުނު ގޮތަށް ދިއުމާ ގުޅޭ ގޮތުން ހާއްސަ މަޝްވަރާތަކާއި ސެޝަންތައް ކުރިއަށް ގެންދާނެއެވެ. އަދި އެ މަޝްވަރާތަކުގެ އަލީގައި ފާހަގަވާ ކަންކަމާއި ހޯދުންތައް ޕޭޕަރަށް ތިރިކުރާނެއެވެ.

އައިސީއޭއެންއަކީ ހަމަނުޖެހުމާއި ހައްދުފަހަނައެޅުމާއި ހަނގުރާމަ އާއި ސިޔާސީ ފިއްތުންތައް ކުރިމަތިވެފައިވާ ގައުމުތަކުގައި ދެމެހެއްޓެނިވި ސުލްހަ ޕްރޮމޯޓް ކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.

އެމެރިކާގެ ހިލޭ ސާބަހަށް މަސައްކަތްކުރާ އެ ޖަމިއްޔާ އުފައްދާފައިވަނީ 2006 ވަނަ އަހަރުއެވެ. އެ ޖަމިއްޔާގެ ފުރަތަމަ އައިސީއޭއެން ފޯރަމް ބާއްވާފައިވަނީ 2012 ވަނަ އަހަރު ތުރުކީގެ ވެރިރަށް އިސްތަންބުލްގައެވެ.