ރާއްޖޭގެ ސްކޫލުތަކުގައި ޓިއުބާކްލޯސިސް (ޓީބީ) ބަލި ފެތުރެމުންދާ ވާހަކަ އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށްފިއެވެ.
ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގައި ޓީބީ ބަލި ފެތުރެމުންދާކަމަށް މިއަދު ވަނީ މީޑިއާގައި ރިޕޯޓުކޮށްފައެވެ. އެ ރިޕޯޓުގައިވާ ގޮތުން ޓީބީ ބައްޔަށް ޕޮޒިޓިވްވެފައިވަނީ އެ ސްކޫލުގެ ދަރިވަރެއް ކަމަށާއި އަދި މިހާރު އެ ސްކޫލުގެ ދަރިވަރުން ޓީބީ ބައްޔަށް ސްކްރީން ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.
އެ ވާހަކަތަކާ ގުޅިގެން އެޑިއުކޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ހެލެތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކުރިއަށްގެންދާ "ޓިއުބާކްލޯސިސް އެލިމިނޭޝަން ޕްރޮގްރާމް" ގެ ދަށުން އެޗްޕީއޭ އަދި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ސްކޫލުތަކުގައި ޓީބީ ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމް ދޭތެރެ ދޭތެރެއިން ކުރިއަށް ގެންދާ ކަމަށެވެ. އަދި މިއަހަރު ވެސް ޓީބީ ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމް ސްކޫލުތަކުގައި ކުރިއަށް ގެންދާ ކަމަށެވެ.
"އެ ސްކްރީން ޕްރޮގްރާމާއި ގުޅުވައިގެން ރާއްޖޭގެ ސްކޫލުތަކުގައި ޓީބީ ބަލި ފެތުރެމުންދާކަމަށް މީޑިއާގައި ބައެއް ފަރާތްތަކުން ފަތުރަމުންދާ ހަބަރަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ހަބަރެކެވެ. މިފަދަ ކަންކަމަކީ ދަރިވަރުންނާއި ބެލެނިވެރިންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދިދާނެފަދަ ކަމަކަށްވާތީ ހަގީގަތެއް ނެތް މިފަދަ ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކުރަމެވެ." އެޑިއުކޭޝަނުން ބުންޏެވެ.
އެޑިއުކޭޝަނުން ޓީބީ ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށާއި، އެކި އުމުރުފުރައިގެ ސްކޫލް ދަރިވަރުން އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ޕޮޒިޓިވްވާ ދަރިވަރުންގެ ކޭސްތަކުގައި އެޑިއުކޭޝަނުން އަބަދު ވެސް އަމަލުކުރަމުން އަންނަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ.