މުހައްމަދު ޖަމްޝަތް ވަހީދު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އަނެއްކާ ވެސް ޔޫޝައު ސައީދު އައްޔަންކޮށްފި އެވެ.
ޔޫޝައު، އެ މަގާމަށް އަނެއްކާ ވެސް އައްޔަންކޮށްފައިވަނީ، ބީއެމްއެލް އިން ރޭ ބޭއްވި އެ ބޭންކުގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ފަހު މިއަދު ބޭއްވި ބޯޑު ބައްދަލުވުމުގަ އެވެ. ޔޫޝައު ޗެއާޕާސަންގެ މަގާމަށް ފުރުތަމަ އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައިގައި ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާއަށް ފަހު އެވެ.
ޔޫޝައު އަކީ ސިމްޑީ ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. ޔޫޝައު ވަނީ މީގެ ކުރިން ގިނަގުނަ ލީޑާޝިޕް ރޯލުތަކުގައި މަސައްކަތްކުރައްވައިފައެވެ. މިގޮތުން، ތިލަފުށި ކޯޕަރޭޝަން ލިމިޓެޑްގެ ޗެއާޕާސަން ކަމާއި، އެނާޖީ އެންޑް ވޯޓާގެ ދަށުން ހިންގި އެންސީއެސްއޭ ޕްރޮޖެކްޓްގެ ނޭޝަނަލް ޕްރޮޖެކްޓް މެނޭޖަރުގެ މަގާމު ހިމެނެއެވެ. އަދި މީގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑްގެ ކޯޕަރޭޓް އެފެއާޒް އަދި ފައިނޭންސް މެނޭޖަރުގެ މަގާމުވެސް އޭނާ އަދާކުރައްވައިފައިވެއެވެ.
ޔޫޝަޢު ވަނީ 10 އަހަރުގެ މުއްދަތެއްގައި ދިވެހި ރާއްޖޭގެ އޮޑިޓް އޮފީހުގެ އެކި ފަންތީގެ މަގާމުތައް ފުރުއްވައިފައެވެ. ބޭންކް އޮފް މޯލްޑިވްސްގެ ޗެއާޕާސަންގެ މަގާމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ޔޫޝައު ވަނީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ ބޯޑު މެންބަރެއްގެ ހައިސިއްޔަތުން ދެ އަހަރުވަންދެން މަސައްކަތްކުރައްވައިފައެވެ.