ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށާއި، ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތްތައް ހޯދުމަށްޓަަކައި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި، ކޮމިޝަނަށް ބާރުތައްދޭ ބިލުގައި، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސް ނުކުރާ އެއްވެސް ކަމެއް ނޯންނާނެ ކަމަށް އެ ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ ދާދި ދެންމެއަކު ރާއްޖެޓީވީއަށް ދެއްވި ފޯންކޯލް އިންޓަވިއުއެއްގައެވެ.
އޭނާ މިހެން ވިދާޅުވިއިރު ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލު ވަނީ މިއަދު އެޖެންޑާއިން ނަގައިފައެވެ.
ރޮޒައިނާ ވިދާޅުވީ މިއަދު މަޖިލީހުގެ ރައީސް ގާސިމްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރަށް ގޯސް އަމަލެއް ކަމަށެވެ.
"ކޮމިޓީން ބިލު ފާސްކުރުމަށްފަހު އެބަ ފޮނުވަން ހުރިހާ މެމްބަރުންނަށް. އަދި ފޮނުވާފައި އެ ބިލަށް އިސްލާހު ހުށަހެޅުމަށް ވަގުތު ދޭ. އެ ހުރިހާ ކަމެއްގެ މަރުހަލާގެ ތެރޭގައި މައްސަލައެއް އުޅޭނަމަ އެކަން ހުށަހަޅަން މި އޮންނަނީ. އެކަމަކު އެ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ތިން މަސްދުވަސް ވަންދެން މި ބިލަށް ވޯޓަށް ނާހާ އޮވެފައި މި ތިން ދުވަހުވެސް ވޯޓަށް އަހަން ކޯރަމް ހަމަނުކޮށްފައި ހަމަ ގަސްތުގައި އެކަން ނުކޮށްދީފަައި މިއަދު މަޖިލިސް ރައީސް މި ވިދާޅުވަނީ މީގައި މައްސަލަތަކެއް ހުރީމަައޭ،" ރޮޒައިނާ ވިދާޅުވިއެވެ.
އެގޮތަށް ވިދާޅުވުމަކީ މަޖިލީހުގެ ރައީސަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި މިއަދު މަޖިލީހުގެ ރައީސް ކަންތައް ކުރެއްވި ގޮތަކީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ހިންގި ބޮޑު ޖަރީމާއެއް ކަމަށް ރޮޒަައިނާ ވިދާޅުވިއެވެ.