އިބްރާހިމް ޒަކީ
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ތެރެއިން، ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފައި މިވަނީ، މީގެ ކުރިން 3 ފަހަރެއްގެ މަތިން މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްގެންވެސް ބިލު ފާސް ކުރަންބޭނުންވާ މިންވަރަށް ޖަލްސާއަށް މެންބަރުން ހާޒިރުވެވަޑައިނުގަނެގެން ވޯޓަށް ނޭހި އޮތުމަށްފަހުގަ އެވެ.
ގާނޫނު ބުނާގޮތުން މި ބިލަށް ވޯޓަށް އަހާއިރު މަޖިލީހުގެ ޖަލްސާގައި 43 މެންބަރުން ތިއްބަވަން ޖެހެއެވެ.
އެއީ ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން، ވޯޓު ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގައި ކަމަށް، ޤާނޫނު އަސާސީގެ 86 ވަނަ މާއްދާގެ (ށ)އާއި މަޖިލީހުގެ ޤަވާއިދުގެ 37 ވަނަ މާއްދާގައި ބުނެފައިވާތީ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލަށް ވޯޓަށްއެހި ވަގުތު ޖަލްސާގައި 70 މެންބަރުން ތިއްބެވި އެވެ.
ޖަލްސާއިން މި ބިލް ފާސްކުރީ ބިލް ފާސްކުރަން ވޯޓު ދެއްްވި 69 މެންބަރުންގެ އިއްތިފާގުންނެވެ.