ޚަބަރު

އެވިޑް ކޮލެޖަށް އަޔާޓާގެ ހުއްދަ ލިބިއްޖެ

މުހައްމަދު ޖަމްޝަތް ވަހީދު

ރާއްޖޭގެ އެންމެ ބޮޑު އެއް ޕްރައިވެޓް ކޮލެޖް ކަމަށްވާ އެވިޑް ކޮލެޖަށް އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ)ގެ ހުއްދަ ލިބިއްޖެއެވެ.

އަޔާޓާގެ ޓްރެއިނިން ސެންޓަރަކަށް އެވިޑް ކޮލެޖު ހަމަޖެއްސެމަށް އެވިޑް ކޮލެޖުގެ ޑައިމަންޑް ކެމްޕަހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކަމުގެ ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ.

އެ ސެޓްފިކެޓް އެ ކޮލެޖާ ހަވާލުކޮށްދެއްވީ އަޔާޓާއިިން ދެކުނު އޭޝިޔާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަ ރީޖަނަލް ޓްރެއިނިން ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު ލޮކޭޝް މައްޓާއެވެ. އެވިޑް ކޮލެޖުގެ ފަރާތުން ސެޓްފިކެޓާ ހަވާލުވެލެއްވީ ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދެވެ.

އެވިޑް ކޮލެޖުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އެ ސެޓްފިކެޓާއެކު އަޔާޓާގެ ކޯސްތައް އެ ކޮލެޖުން ކުރިއަށް ގެންދާނެ ކަމަށެވެ.

ކޯސްތަކުގެ ތެރޭގައި އޭވިއޭޝަން ދާއިރާއާއި ޓްރެވެލް އެންޑް ޓޫރިޒަމް ފަދަ ދާއިރާތަކުގެ ކޯސްތައް ހިމެނޭނެ ކަމަށާއި އެ ކޯސްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ވިދާޅުވިއެވެ.