ޚަބަރު

ޚިޔާނާތާއި މަރުގެ މައްސަލަތައް ބަލާ ކޮމިޝަންގެ ބިލަށް ވޯޓަށް ނާހައި އެޖެންޑާއިން ނަގައިފި

އިބްރާހިމް ޒަކީ

ތިންދުވަހުގެ މަތިންވެސް ފާސް ނުކޮށްދިން، ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށާއި، ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތްތައް ހޯދުމަށްޓަަކައި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި، ކޮމިޝަނަށް ބާރުތައްދޭ ބިލަށް ވޯޓަށް ނާހައި އެ ބިލު މިއަދުގެ ޖަލްސާގެ އެޖެންޑާއިން ނަގައިފި އެވެ.

އެބިލް މަޖިލީހުގެ އެޖެންޑާއިން ނަގައި އަލުން ކޮމިޓީއަށް ފޮނުވުމަށް، ޖަލްސާގެ ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ނިންމެވީ، ބިލު މަޖިލީހުގެ ތަޅުމަށް ފޮނުވާފައި އޮތީ ކޮމިޓީން ފާސްކުރި ގޮތަށް ނޫން ކަމަށް އެ ކޮމިޓީގެ މެމްބަރުންތަކެއް ވިދާޅުވުމާ ގުޅިގެންނެވެ.

މި ބިލް އެޖެންޑާއިން ނަންގަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ، ސަރުކާރުގެ ފަރާތުން އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ހުށަހަޅުއްވާފައިވާ ރިޔާސީ ކޮމިޝަންތަކުގެ ބިލް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ގޮތް ނޫން އެހެން ގޮތަކަށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ކަމަށް ވިދާޅުވެ އެ ކޮމިޓީގެ ހަ މެމްބަރަކު ސޮއިކުރައްވާފައިވާ ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

އެހެންކަމުން އެކަން ތަހުގީގުކޮށް ބެލުމަށް ފަހު ނޫނީ ބިލަށް ވޯޓަށް ނޭހޭނެތީ މިއަދުގެ ޖަލްސާގެ އެޖެންޑާ އިން ބިލް ނެންގެވީ ކަމަށް ގާސިމް ވިދާޅުވި އެވެ.

ބިލް އެޖެންޑާއިން ނެންގެވުމަށްފަހު، އެމަނިކުފާނު ވަނީ ރިޔާސީ ކޮމިޝަންތަކުގެ ބިލާ މެދު ކޮމިޓީން އަލުން ގޮތެއް ނިންމަވައި ދެއްވުމަށް އެދިވަޑައިގެންފަ އެވެ. ބިލް ޖަލްސާގެ އެޖެންޑާއިިން ނެގިިކަން ރިޔާސަތުން އިއުލާން ކުރެއްވުމުން ޖަލްސާގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުން ވަނީ ނުރުހުން ފާޅުކުރައްވަން ފައްޓަވައިފައެވެ.

މިއަދަކީ މިބިލް ފާސްކުރުމަށް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކުރި ހަތަރުވަނަ ދުވަހެވެ.

ބިލް އެޖެންޑާކުރި އެހެން ދުވަސްތަކުގައި ބިލަށް ވޯޓަށް އަހަން ބޭނުންވާ އަދަދަށް ޖަލްސާއަށް މެންބަރުން ހާޒިރުވެ ވަޑައި ނުގެންނެވި ނަމަވެސް މިއަދުގެ ޖަލްސާގައި 69 މެންބަރުން ހާޒިރުވެ ވަޑައިގެން ތިއްބެވި އެވެ.

މިބިލަށް ވޯޓަށް އެހޭނީ ޖަލްސާގައި 43 މެންބަރުން ހަމަވެގެންނެވެ.

އެއީ ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން، ވޯޓު ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގައި ކަމަށް، ގާނޫނު އަސާސީގެ 86 ވަނަ މާއްދާގެ (ށ)އާއި މަޖިލީހުގެ ގަވައިދުގެ 37 ވަނަ މާއްދާގައި ބުނެފައިވާތީ އެވެ.

މި ބިލު މަޖިލީހަށް ހުށަހެޅިއިރު، ބިލުގައި ގާނޫނުއަސާސީއާ ގާނޫނުތަކާ ފުށުއަރާ ކަންތައްތަކެއް ހިމެނޭކަމަށް ބައެއް މެންބަރުން ވަނީ ފާހަގަކުރައްވައިފަ އެވެ.

ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގެ ބިލުގައި، އެ ކޮމިޝަންތަކަށް ހާޒިރުކުރަން ފެންނަ ކޮންމެ މީހަކު ހާޒިރު ކުރުމާއި، ކުރާ ސުވާލުތަކަށް ތެދުބަހުން ޖަވާބުދޭން އެންގުމާއި، ބޭނުންވާ ކޮންމެ ލިޔުމެއް، އަދި ކޮންމެ ހެއްކެއް ހޯދުމުގެ ބާރު ވަނީ ކޮމިޝަންތަކަށް ލިބިދީފައެވެ. އަދި ތަހުގީގަށް ބޭނުންވާ ކޮންމެ އެއްޗެއް ހުށަހެޅުމަށް ކޮންމެ ފަރާތަކަށް އެންގުމުގެ ބާރުވެސް ކޮމިޝަންތަކަށް ލިބިދީފައިވެ އެވެ.

އަދި މީހުން ހާޒިރު ކުރުމާއި ހެކި ހޯދުމުގެ ބާރުވެސް ކޮމިޝަންތަކަށް ވަނީ ދީފައެވެ.

ބިލުގައިވާގޮތުން އެ ދެ ކޮމިޝަނުންވެސް އަންގާ އެންގުމަކަށް ހާޒިރު ނުވުމާއި، ކޮމިޝަނުން ޖަވާބުދޭން އަންގާ ސުވާލުތަކަށް ޖަވާބު ނުދިނުމާއި، ކޮމިޝަނުން އަންގާ އެންގުމަކާ ހިލާފުވާ މީހަކު އެކުރަނީ ކުށެކެވެ.

ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ޖިނާއީ މައްސަލައެއް ބަލަން ޖެހިއްޖެނަމަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކުރާފަދަ ތަހުގީގީ އިދާރާއެއްގެ ބާރު ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތްވާގޮތުގެމަތިން ކޮމިޝަނަށް ބޭނުން ކުރެވޭނެއެވެ. އަދި މަދަނީ މައްސަލަތައް ބެލުމުގެ ބާރުވެސް ވަނީ ދީފައެވެ.