ރިފާ ހަލީލު
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު ސަސްޕެންޑްކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ރިޔާޒު ސަސްޕެންޑު ކުރުމަށް މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ސަސްޕެންޑު ކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ވިދާޅެއްނުވެއެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި ރިޔާޒު ސަސްޕެންޑު ކޮށްފައިވަނީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައެވެ.
އެކަމާ ގުޅިގެން ރިޔާޒު "ވަން" އަށް މިއަދު ވިދާޅުވީ ބައެއް މީޑިއާތަކުގައާއި ސޯޝަލް މީޑިއާގައި އޭނާއާ ގުޅޭ ގޮތުން ދައްކާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އޭނާއަކީ އެފަދަ ހަޑިމުޑުދާރު ކަމެއް ކުރާނެ މީހެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން އޭނާއާއި މުޅި އާއިލާއަށް ހިތްދަތިކަމެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ އޭނާ ސަސްޕެންޑުކުރީ ކީއްވެ ކަމެއް އަންގާފައިނުވާ ކަމަށާއި ނަމަވެސް އެއީ ސިޔާސީ އަދި އޭނާއާއި އޭނާގެ އާއިލާ ބަދުނާމު ކުރުމަށް ދައްކާ ވާހަކައެއް ކަމަށެވެ.
"އަޅުގަނޑާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަވާލުކުރެއްވި މަސްއޫލިއްޔަތު އަޅުގަނޑު އަދާކުރިން. އަޅުގަނޑަކީ އަޅުގަނޑުގެ މުވައްޒަފުންނާއި ކޮލީގުންނަށް ވަރަށް އިހުތިރާމުކުރާ މީހެއް. އެފަދަ ނަޒަރަކުން ނުވެސް ބަލާނަން. އެފަދަ ހަޑިމުޑުދާރު ކަމެއް ނުވެސް ކުރަން އަދި ނުވެސް ކުރާނަން. އަޅުގަނޑަށް ބޮޑަށް ބެލެވެނީ ސިޔާސީ ކަމެއް ކަމަށް. އެއީ އަޅުގަނޑުގެ އާއިލާއަކީވެސް ބޮޑު އާއިލާއެއް. އަޅުގަނޑުގެ ބައްޕައަކީވެސް ސިޔާސީ ލީޑަރެއް. އެހެންވީމަ އޭގެ ކަމެއް ކަމަށް ބެލެވެނީ،" އޭނާ ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރާއިރު މިހާތަނަށް އެއްވެސް މީހަކު އަދި އެއްވެސް މުއައްސަސާއަކުން އޭނާއާ ސުވާލުކޮށްފައިނުވާ ކަމަށެވެ. އަދި ބޮޑު ތުހުމަތެއް ކުރާއިރު އެޑިއުކޭޝަން މިނިސްޓަރުވެސް އޭނާއާ ސުވާލުކޮށް އެފަދަ ވާހަކައެއް ދައްކާފައިނުވާ ކަމަށް ވިދާޅުވިއެވެ.