ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ވިސާގެ ލުއިފަސޭހަތަކެއް ދިނުމަށް މިނިސްޓަރު ޝާހިދު އެދިވަޑައިގެންފި

މަރިޔަމް ޝަހުދާ

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ވިސާގެ ލުއިފަސޭހަތަކެއް ލިބޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މެލޭޝިއާގެ ފޮރިން މިނިސްޓަރު ޑަޓޯ ސައިފުއްދީން ބިން އަބްދުﷲގެ އަރިހުގައި އެދިވަޑައިގެންފިއެވެ.

މިނިސްޓަރު ޝާހިދު މެލޭޝިއާގެ ފޮރިން މިނިސްޓަރާއި ބައްދަލު ކުރައްވާފައި ވަނީ ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ ހިއުމަން ރައިޓް ކައުންސިލްގެ 40 ވަނަ ބައްދަލުވުމުގައި ވާހަކަދެއްކެވުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. އިއްޔެ ކުރިއަށްދިޔަ އެ ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ގުޅުން ހުރި އެކި ދާއިރާތަކުން ދެގައުމު އެކީ މަސައްކަތް ކުރެވޭނެ ގޮތްތަކާއި މެދު މަޝްވަރާ ކުރައްވައިފައެވެ.

މީގެ އިތުރުން މިނިސްޓަރު ޝާހިދު ވަނީ އިއްޔެ އިންޑޮނޭޝިއާގެ ފޮރިން މިނިސްޓަރުގެ އިތުރުން އިޓަލީގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު މޮރޮކޯގެ މިނިސްޓަރު އޮފް ސްޓޭޓް ފޯ ހިއުމަން ރައިޓްސް އަދި އަޔަލޭންޑްގެ އިންޓަނޭޝަނަލް ޑިވަލޮޕްމަންޓް މިނިސްޓަރާ ވަކި ވަކީން ބައްދަލު ކުރައްވައިފައެވެ.