ޚަބަރު

ރިބާއަކީ ފަނާކުރަނިވި ފާފައެއް, އެކަމަކު މިއަދު ރިބާ ފެންނަނީ ރީތި ދަޅައެއްގެ ގޮތުގައި: ހުތުބާ

މީސްތަކުންނަށް މިއަދު ރިބާ ފެންނަނީ ވަރަށް ރީތި ދަޅައެއްގެ ގޮތުގައި ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"ރިބަވީ މުއާމަލާތުގެ ނުބައިކަމާއި ފާފަވެރިކަން" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, ރިބާކާ މީހާގެ އަމަލަކީ ހަޑި ހުތުރު އަމަލެއް ކަމަށާއި ރިބާކާ މީހަކީ މީސްތަކުންގެ މައްޗަށް އެއްވެސް ރަހުމެއް, އޯގާވެރިކަމެއް ހުރި މީހެއް ނޫން ކަމަށެވެ.

އަދި މުދަލަށް އަޅުދާސްވެފައިވާ މީހާ އަބަދުވެސް ވިސްނާނީ އޭނާގެ މުދަލާމެދުގައި ކަމަށާއި އެހެން ކަމަކާމެދު ވިސްނައި ފިކުރެއް ނުކުރާނެ ކަމަށާއި އޭނާގެ ހިތާއި ޒަމީރު އޮންނާނީ އަމިއްލަ އެދުމާއި ހަރުކަށިކަމުން ވަންހަނާވެ ފޮރުވިފައިވާ ކަމަށްވެސް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ, ތަރައްގީވެފައިވާ މި ޒަމާނުގައި ރިބާގެ ބާވަތްތައް ވަރަށް ގިނަ ކަމަށާއި މިއަދު އެއީ ގަވާއިދުތަކާއި އުސޫލުތަކުގެ މަތިން ކުރެވޭ އަދި އެކަމަށްޓަކައި ކުންފުނިތަކާއި ބޭންކުތައް ގާއިމުކޮށްފައިވާ ކަމެއް ކަމަށެވެ. އަދި މީސްތަކުންނަށް މިއަދު ރިބާ ފެންނަނީ ވަރަށް ރީތި ދަޅައެއްގެ ގޮތުގައި ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ގިނަ ބަޔަކު އޭގެ ދަލުގައި ޖެހިފައިވާ ކަމަށް ބުންޏެވެ.

އިސްލާމްދީނުގައި ރިބާ ހަރާމްކުރައްވާފައިވަނީ އެއީ މީހުންނަށް ކުރިމަތިވާ ބޮޑު މުސީބާތަކަށްވާތީކަން ފާހަގަކޮށް ހުތުބާގައި ބުނީ, ރިބާ ހަރާމްކުރެއްވީ އެއްވެސް ބުރައެއް އުފުލުމަކާނުލައި, އެންެމެ ދާފޮދެއްވެސް އޮހޮރުވާލުމަކާނުލައި, ފައިސާވެރިންނަށް އެމީހުންގެ ފައިސާގެ މައްޗަށް ފައިސާ އިތުރުކުރެވޭތީ ކަމަށް ބުންޏެވެ. އަދި އެއީ ތަކެތީގެ އަގުބޮޑުވުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމަށާއި އިންސާނިއްޔަތާ ކުރިމަތިވެފައިވާ ބޮޑު ތުރާލެއް ކަމަށްވެސް ހުތުބާގައި ބުންޏެވެ.

ރިބާއަކީ ހަލާކުކުރަނިވި ހަތް ފާފައިގެ ތެރޭގައި ކަމެއްގެ ގޮތުގައި ކީރިތި ރަސޫލާ ސިފަކުރައްވާފައިވާކަން ފާހަގަކޮށް ހުތުބާގައި ބުނީ, ރިބާގެ މުއާމަލާތުގައި ކީރިތި ރަސޫލާ ލައުނަތްލެއްވުމަށް ދުއާކުރެއްވި ހަމައެކަނި ރިބާކާ މީހާގެ މައްޗަށް ނޫން ކަމަށާއި ރިބާގެ ކަންތައްތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކެއް ޝާމިލުވާ ގޮތަށް ކަމަށެވެ.

ހުތުބާގައި އިތުރަށް ބުނީ, ރިބަވީ މުއާމަލާތުން ލިބޭ ތަނަވަސްކަމުގައި މާތް الله ބަރަކާތެއް ނުލައްވާނެ ކަމަށާއި އެފަދަ މުއާމަލާތްތަކުގައި ބައިވެރިވާ މީހާއަށް, ދުނިޔޭގައި އަދި އާހިރަތުގުގައިވެސް ކުރިމަތިލާންޖެހޭނީ ގެއްލުމާއި ހަލާކާ ކަމަށެވެ.