ޚަބަރު

މެލޭޝިއާގެ ބޮޑެތި ޔުނިވާސިޓީތަކާއެކު އެޑިއުކޭޝަން ފެއާ ފަށައިފި

އަހުމަދު ޖައިޝަން

މެލޭޝިއާގެ ބޮޑެތި ޔުނިވާސިޓީތައް ބައިވެރިކޮށްގެން ގްލޯނެޓް ޕްރައިވެޓް ލިމިޑެޓުން ރާއްޖޭގައި އެޑިއުކޭޝަން ފެއާ ފަށައިފި އެވެ.

ނޭޝަނަލް އާޓް ގެލެރީގައި އިއްޔެ ފެށި އެ އެޑިއުކޭޝަން ފެއާ އިފްތިތާހުކުރައްވާފައިވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަނެވެ.

ގޮލޯނެޓުން ބުނީ އެ ފެއާގައި 16 ޔުނިވާސިޓިއަކުން ބައިވެރިވާނެ ކަމަށެވެ. އޭގެތެރޭގައި މެލޭޝިއާގެ 15 ޔުނިވާސިޓީއަކާއި އަޔަރލެންޑްގެ އެއް ޔުނިވާސިޓީ ބައިވެރިވާނެއެވެ. އެ ފެއާގައި ބައިވެރިވާ ޔުނިވާސިޓީތަކުގެ ތެރޭގައި ޓޭލާސް އާއި ކޭޑިޔޫ އާއި މޮނާޝް ޔުނިވާސިޓީ ފަދަ މަގުބޫލު ޔުނިވާސިޓީތައް ހިމެނެއެވެ.

މިއީ ގްލޯނެޓުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ 24 ވަނަ އެޑިއުކޭޝަން ފެއާއެވެ.

އެ ފެއާގެ ބޭނުމަކީ މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް އެ މަގު ފަހިކޮށްދީ އިތުރު ފުރުސަތުތައް ހޯދައިދިނުން ކަމަށް ގްލޯނެޓުން ބުނެއެވެ. އެގޮތުން ދަރިވަރަށް އެންމެ އެކަށީގެންވާ ޔުނިވާސިޓީ ހިޔާރު ކުރުމާއި ސްކޮލާޝިޕްގެ މައުލޫމާތުވެސް އެ ފެއާގެ ތެރެއިން ލިބިގެންދާނެ ކަމަށް ގްލޯނެޓުން ބުނެއެވެ.

ފެއާ ކުރިއަށްދާނީ މިއަދު 1700 އިން ފެށިގެން 2200 ޖަހަންދެނެވެ.