އިބްރާހިމް ޒަކީ
ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް އުފައްދަވާފައިވާ ކޮމިޝަނާއި، ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތްތައް ހޯދުމަށްޓަަކައި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި، ކޮމިޝަނަށް ބާރުތައްދޭ ބިލަކީ ގާނޫނު އަސާސިއާ ހިލާފު ބިލެއް ކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަަކަ ދައްކަވަމުން ސަރުކާރު ކޯލީޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޕީޖީ މެންބަރު ރިޔާޒު ވިދާޅުވީ، ގާނޫނުއަސާސީން މުއައްސަސާތައް އުފައްދައި ބާރުތައް ވަކި ވަކި ފަރާތްތަކަށް ދީފައި ވަނިކޮށް އެ ބާރުތަކަށް ފުށުއަރާ ގޮތަށް ރައީސުލް ޖުމްހޫރިއްޔާ އުފައްދާ ކޮމިޝަންތަކަށް ބާރު ދިނުމަކީ ގާނޫނުއަސާސީއާ ސީދާ ހިލާފު ކަމެއް ކަމަށެވެ.
"ރައީސުލް ޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވާ ކަންކަން އަވަސް ކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް އަދި ހާއްސަކޮށް ރައްޔިތުންނާ ސީދާ ގުޅުންހުރި ކަންކަން އަވަސްކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް، އެކަންކަން މިދަނީ ކޮށްދެމުން އެހެން ނަމަވެސް ރިޔާސީ ކޮމިޝަނެއް ހައްދަވައިފަ އެކޮމިޝަނަށް ބާރުދިނުމަށް ހަދާފައިވާ ބިލަކީ، ގާނޫނުއަސާސީއާ ތައާރަޒުވާ ކަންތައްތައް ހިމެނޭ ބިލެއް،" ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުތަކުގެ ރައީސުންވެސް ރިޔާސީ ކޮމިޝަންތައް އުފައްދަވައިގެން މަސައްކަތްތައް ކުރެއްވި ކަަމަށެވެ. ނަމަވެސް ގާނުނުތަކަށް ބަދަލު ނުގެސް ގާނޫނުތައް ހަމަ އޮތީ އެގޮތަށް ކަަމަށްވެސް ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ، އެ ބިލުގެ މަސައްކަތްތައް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައިވެސް ކުރިއަށް ދިޔައީ ގޯސްކޮށް ކަމަށެވެ. އަދި އެ ބިލުގެ ކޮމިޓީ ރިޕޯޓު މަޖިލީިހުގެ ތަޅުމަށް ގެނައީވެސް އުސޫލުތަކާ ހިލާފަށް ކަމަށާއި އެކަންތައް މަޖިލީހުގެ ރައީސާ ހިއސާ ކުރައްވާފައިވާ ކަމަށްވެސް ރިޔާޒު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެފަރާތުން ބިލުތައް ހުށަހަޅާ ގޮތަށް ހަމަޖެހިފައި އޮންނަނީ ކޯލީޝަންގައި ހިމެނޭ ޕާޓީތަކުގެ ޕީޖީ ގްރޫޕާ މަޝްވަރާ ކުރެއްވުމަށްފަހުގަ އެވެ.
ނަމަވެސް އެ ބިލް މިހާތަނަށް ތިން ފަހަރު މަޖިލީހަށް އެޖެންޑާކުރި ނަމަވެސް ބިލް ފާސްކުރުމަށްޓަކައި ވޯޓަށް އަހަން ބޭނުންވާ ވަރަށް މެންބަރު ވަނީ ހާޒިރުވެ ވަޑައިނުގެންފަ އެވެ. މިބިލަށް ވޯޓަށް އެހުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވެސް ވަނީ އެޖެންޑާ ކޮށްފަ އެވެ.
ގާނޫނު ބުނާ ގޮތުން މި ބިލަށް ވޯޓަށް އަހަން 43 މެންބަރުން މަޖިލީހުގެ ތަޅުމުގައި ތިބެން ޖެހެ އެވެ.
ނަމަވެސް މެންބަރުން ހަމަނުވެގެން ވޯޓަށް ނޭހުނު ދުވަސްތަކުގައި ޖޭޕީގެ ބައެއް މެންބަރުންވެސް މަޖިލީހަށް ހާޒިރު ނުވާކަން ވަނީ ފާހަގަ ކުރެވިފަ އެވެ.
ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގެ ބިލުގައި، ހާޒިރުކުރަން ފެންނަ ކޮންމެ މީހަކު ހާޒިރު ކުރުމާއި، ކުރާ ސުވާލުތަކަށް ތެދުބަހުން ޖަވާބުދޭން އެންގުމާއި، ބޭނުންވާ ކޮންމެ ލިއުމެއް، އަދި ކޮންމެ ހެއްކެއް ހޯދުމުގެ ބާރު ވަނީ ކޮމިޝަންތަކަށް ލިބިދީފައެވެ.
އަދި ތަހުގީގަށް ބޭނުންވާ ކޮންމެ އެއްޗެއް ހުށަހެޅުމަށް ކޮންމެ ފަރާތަކަށް އެންގުމުގެ ބާރުވެސް ކޮމިޝަންތަކަށް ލިބިދީފައިވެ އެވެ.
އަދި މީހުން ހާޒިރު ކުރުމާއި ހެކި ހޯދުމުގެ ބާރުވެސް ކޮމިޝަންތަކަށް ވަނީ ދީފަ އެވެ.
ބިލުގައިވާ ގޮތުން އެ ދެ ކޮމިޝަނުންވެސް އަންގާ އެންގުމަކަށް ހާޒިރު ނުވުމާއި، ކޮމިޝަނުން ޖަވާބުދޭން އަންގާ ސުވާލުތަކަށް ޖަވާބު ނުދިނުމާއި، ކޮމިޝަނުން އަންގާ އެންގުމަކާ ހިލާފުވާމީހަކު އެކުރަނީ ކުށެކެވެ.
ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ޖިނާއީ މައްސަލައެއް ބަލަން ޖެހިއްޖެނަމަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކުރާފަދަ ތަހުގީގީ އިދާރާއެއްގެ ބާރު ޖިނާއީ އިޖުރާއަތުގެ ގާނޫނާ
އެއްގޮތްވާގޮތުގެމަތިން ކޮމިޝަނަށް ބޭނުން ކުރެވޭނެއެވެ. އަދި މަދަނީ މައްސަލަތައް ބެލުމުގެ ބާރުވެސް ވަނީ ދީފައެވެ.