ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާއަށް ކުރިމަތިލެއްވުމަށް އެދި ވީބީ ބްރަދާސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރު ހަސަން ޝިޔާމް (ވީބީ ހަސަން) އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހެޅި ފޯމު ބަލައިނުގެން މައްސަަލައިގެ އަޑުއެހުމެއް މިއަދު ސުޕްރީމް ކޯޓުގައި ބާއްވަން ތާވަލް ކޮށްފި އެވެ.
ވީބީ ހަސަންގެ ފޯމު ބަލައި ނުގަންނަން އިލެކްޝަނުން ނިންމާފައި ވަނީ އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ސާބިތު ދަރަންޏެއް އޮތުމުގެ ސަބަބުންނެވެ. މިކަމާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ ވީބީ ހަސަން އެ ކޯޓަށް ހުށައެޅި ޝަކުވާ ބަލައިގަނެ އިލެކްޝަނަށް ވީބީ ހަސަންގެ ފޯމު ބަލައިނުގަންނަން ނިންމި ނިންމުމަށް އަމަލުކުރުން ފަސް ކުރުމަށް މިދިޔަ ހަފްތާގެ ތެރޭ އަންގާފައެވެ.
އެގޮތުން މި މައްސަލައިގެ އަޑުއެހުމެއް މިއަދު މެދުރު 13:15 އަށް ވަނީ ސުޕްރީމްކޯޓުގައި ތާވަލު ކޮށްފައެވެ.
ވީބީ ހަސަން ވަނީ އެމްޑީޕީގެ ފަރާތުން މަޖިލީހަށް ކުރިމަތިލުމަށް ޓިކެޓު ހޯދުމަށް އެމްޑީޕީގެ ޕްރައިމަރީގައި ބައިވެރިވެފައެވެ.
އެގޮތުން އެމްޑީޕީގެ މެދު ހެންވޭރު ދާއިރާގެ ޕްރައިމަރީގައި ވާދަކޮށް މިހާރުގެވެސް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާ ވީބީ ހަސަން ވަނީ ވާދަކޮށްފައެވެ. ނަމަވެސް މި ޕްރައިމަރީގައި އަލީ އާޒިމް އާ ބާދަކޮށް ކުޑަ ތަފާތަކުން ވީބީ ހަސަން ވަނީ ބަލިވެފަ އެވެ.