އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާ މައްސަލަތައް ތަހުގީގުކުރުމުގައި އިސްކަންދޭނެ ގޮތުގެ މިންގަނޑުތައް އެކަށައަޅައި، މައްސަލަތައް ތަރުތީބުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު އެކުލަވައިލައި އަމަލުކުރަންފަށައިފިއެވެ.
އެ އުސޫލަށް ކިޔައީ "އިސްކަންދީގެން އަވަހަށް ތަހުގީގު ކުރަންޖެހޭ މައްސަލަތައް ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލު" އެވެ.
އެ އުސޫލުގެ މަގުސަދަކީ، އޭސީސީއަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ވަކި މައްސަލައަކަށް އިސްކަންދީގެން ތަހުގީގު ކުރުމުގައި އަމަލުކުރާނެ މިންގަނޑުތައް ކަނޑައެޅުމެވެ. އަދި އެ މުއައްސަސާއަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން އަމަލުކުރަނީ ހަމަހަމަކަމާއެކުތޯ ޔަގީން ކުރުމެވެ. މީގެ އިތުރުން މައްސަލަތައް ތަހުގީގު ކުރުމުގައި އަމަލުކުރަނީ ޖަވާބާރީކުރުވެނިވި ނިޒާމެއްގެ ތެރެއިންތޯ ކަށަވަރުކުރުމާއި، މައްސަލަތައް ނިންމަނީ ޒަތީ ތައައްސުބުންނާއި ނުފޫޒުން އެއްކިބާވެގެން ތިބެ ނިންމާ ނިންމުމެއްކަން ކަށަވަރު ކުރަމަކީ ވެސް އުސޫލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
މައްސަލައަކަށް އިސްކަން ދިނުމާ ގުޅޭގޮތުން އެ އުސޫލުގައި ބަޔާންކޮށްފައި ނުވާ ކަމެއް ދިމާވެއްޖެނަމަ، އެކަމެއްގައި ގޮތެއް ނިންމާނީ އޭސީސީގެ މެންބަރުންނެވެ. އަދި އުސޫލުގައި ބަޔާންކުރާ ގޮތަކާމެދު ހިޔާލުތަފާތުވުމެއް އުފެދުމުން އެކަމެއް ހައްލުކުރާނީ ވެސް އޭސީސީންނެވެ.
"އިސްކަންދީގެން އަވަހަށް ތަހުގީގު ކުރަންޖެހޭ މައްސަލަތައް ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލު" އަށް އަމަލުކުރަން ފެށުމުގެ ކުރިން، ތަހުގީގު ކުރުމުގެ މަރުހަލާގައިވާ މައްސަލަތަކާއި ޕްރިލިމިނަރީ އިންވެސްޓިގޭޝަންގެ މަރުހަލާގައިވާ މައްސަލަތައް، އެ އުސޫލުގެ ދަށުން އަވަސް މައްސަލައެއްގެ ގޮތުގައި ކަނޑައެޅުމުގެ ބާރު އޭސީސީއަށް ލިބިގެންވެއެވެ.
"އިސްކަންދީގެން އަވަހަށް ތަހުގީގު ކުރަންޖެހޭ މައްސަލަތައް ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލު" މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް ވަނީ އަމަލުކުރަން ފަށައިފައެވެ.