ޚަބަރު

72 ކިލޯގެ ޑުރަގް މައްސަލަ: މުއްދަތުގެ ފަހުން ހުށަހެޅުމުން ދެ މީހެއްގެ ދައުވާތައް ބޭރުކޮށްލައިފި

އަލީ ޔާމިން

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ދައުވާ ކުރަން ފޮނުވުމަށް ފަހު ކޯޓަށް ހުށަހަޅަން ބަޔާން ކޮށްފައިވާ މުއްދަތު ފާއިތުވި ފަހުން މައްސަލަ ކޯޓަށް ހުށަހެޅި ކަމަށް ބުނެ، ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ދައުވާ އުފުލައިފައިވާ ދެ މީހަކަށް ކުރާ ދައުވާތަކެއް ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފި އެވެ.

"މަސްޖަރީ" ނަމަކަށް ކިޔާ ދޯންޏެއްގައި މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ތިބިކަމުގެ ތުހުމަތުވަނީ ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު، (32އ) އަދި ރ. އިނގުރައިދޫ، އެލެސްކާ، މުހައްމަދު ވިޝާމް، (28އ) އެވެ.

އެ މީހުންގެ އިތުރަށް އަށް މީހަކު ހައްޔަރުކޮށް އެ އެންމެންގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލި އެވެ. އަދި އެއިން ތިން މީހެއްގެ މައްޗަށް ކެނަބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާވެސް އުފުލި އެވެ.

ދައުވާ އުފުލާފައިވާ މީހުން

  • 1. ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަގިއްޔު (32އ)
  • 2. ރ. އިނގުރައިދޫ / އެލެސްކާ، މުހައްމަދު ވިޝާމް (28އ)
  • 3. ދ. މާއެނބޫދޫ / އަނބުގަސްދޮށުގެ، އަހުމަދު ނަސީރު (38އ)
  • 4. ކ. މާލެ / މއ. ކަނޑޫގެ، އަލީ އަހުމަދު (37އ)
  • 5. ކ. މާލެ / ހ. ގާޑަންބިޔުޓީ، މުހައްމަދު އަކްރަމް (27އ)
  • 6. ރ. އިނގުރައިދޫ / އެލެސްކާ، އަބްދުﷲ ވިޝާމް (26އ)
  • 7. ހދ. ނޮޅީވަރަންފަރު / ނޫރީއާގެ، މުހައްމަދު ޝަރީފް (34އ)
  • 8. ލ. ގަން، ތުނޑި / ޕެރިސްހޮލިޑޭ، މުހައްމަދު ފުރުގާން (33އ)
  • 9. ތ. ތިމަރަފުށި / ތަޑިރަތްމާގެ، މުހައްމަދު ވަޖީހު (35އ)
  • 10. ރ. ރަސްގެތީމު / ފީރޯޒްގެ، އަހުމަދު ޝިނާން (30އ)

އެ މައްސަލައިގައި، ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ މުހައްމަދު އަކްރަމާއި މުހައްމަދު ޝަރީފްގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއަކީ މައުޟޫއީ ގޮތުން ކުރިއަށް ނުގެންދެވޭނެ ދައުވާތަކެއް ކަމަށް ކަނޑައަޅައިފަ އެވެ.

ކޯޓުން ބޭރުކޮށްލީ މުހައްމަދު އަކްރަމްގެ މައްޗަށް އުފުލާފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާއި މުހައްމަދު ޝަރީފްގެ މައްޗަށް އުފުލާފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާއި ކެނަބިސް ބޭނުން ކުރުމުގެ ދައުވާއެވެ.

އެ މައްސަލައިގައި ގާޒީ ހަސަން ސައީދު އިއްވެވި ހުކުމުގައިވާ ގޮތުން، އެ ތިން ދައުވާވެސް މައުޟޫއީ ގޮތުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅުއްވީ އެ މައްސަލަ ތަހުގީގު ކުރުމުގެ މުއްދަތު އިތުރު ކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ރ) އާ ހިލާފަށް ކަން ޝަރީއަތަށް ފާހަގަ ކުރެވިފައިވާތީ އެވެ.

ގާޒީ އެ ގޮތަށް ނިންމެވީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ދިން ފުރުސަތުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ތަހުގީގު ކުރި މުއްދަތު އިތުރުކޮށްފައިވާ ކަމަށް ބުނެ ދައުވާ ލިބޭ އެ ދެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ކުރި ބަހުސަށް ރިއާޔަތްކުރެއްވުމަށް ފަހުގައެވެ.

ފުލުހުން މީގެ ކުރިން ބުނީ، ރާއްޖޭގެ ކަނޑުގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދަނިކޮށް، "މަސްޖަރީ" ނަމަކަށް ކިޔާ ކަންނެލި ދޯންޏެއްގައި ރާއްޖޭން ބޭރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ލޯންޗެއްގައި ގޮސް ދޯނިން މަސްތުވާތަކެތި ނަގައިގެން ޑިސެމްބަރު 8 ވަނަ ދުވަހު މާލެއަށް އެތެރެކޮށްފައިވާކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އަދި އެތަކެތި ފުލުހުން ހޯދީ ކާރެއްގެ ޑިކީއަކުން ކަމަށެވެ.