އިންޑިއާއިން ރާއްޖެ އައި ދިވެހި ފިރިހެނެއްގެ އަތުން ދެ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.
ކަސްޓަމްސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މަސްތުވާތަކެތި އަތުލައިގެންފައިވަނީ އުމުރުން 24 އަހަރުގެ ފިރިހެއްގެ ލަގެޖުން ކަމަށެވެ. އެމީހާއާއެކު މަސްތުވާތަކެތި އަތުލައިގެންފައިވަނީ މިދިޔަ ބުދަ ދުވަހުގައެވެ.
ކަސްޓަަމްސްއިން ބުނީ އެމީހާގެ އަމަލުތައް ހުރިގޮތުން އޭނާއާ މެދު ޝައްކު ކުރެވިގެން އޭނާގެ ލަގެޖު ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ރައްކާކޮށްފައި ހުރި ޕެކެޓެއްގައި މުށިކުލައިގެ ދިޔާތަކެތި ފެނިފައިވާ ކަމަށެވެ.
އަދި އިތުރު ތަހުލީލުތަކުން އެނގުނު ގޮތުގައި އެއީ ހަޝިޝް އޮއިލްކަން ކަށަވަރުވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެމީހާއާއި މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.